އިންސްޓަގްރާމްގައި އެންމެ އަވަހަށް އެއް މިލިއަން ފޮލޯވަރުން ހޯދި ޖެނިފާ އެނިސްޓަންގެ ރިކޯޑު މުގުރާލުމަށް ފަހު ޑޭވިޑް އެޓެންބްރޯ އެ ލަގަބު ހޯދައިފި އެވެ.

އުމުރުން 94 އަހަރުގެ ޑޭވިޑް އަށް އިންސްޓަގްރާމްގައި އެއް މިލިއަން ފޮލޯވަރުން ލިބިފައިވަނީ ހަތަރު ގަޑިއިރާއި 44 މިނެޓުގެ ތެރޭގައި ކަމަށް ގިނީސް ވޯލްޑް ރިކޯޑްސް އިން ވަނީ ހާމަކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި، "ފްރެންޑްސް" އިން މަޝްހޫރުވި ތަރި ޖެނިފާ އެނިސްޓަން ރިކޯޑް ހަދާފައިވަނީ ފަސް ގަޑިއިރާއި 16 މިނެޓުން އެއްމިލިއަން ފޮލޯވަރުން ހޯދައިގެންނެވެ.

https://www.instagram.com/p/CFg3LHIHGug/

ޑޭވިޑް އެންމެ ފުރަތަމަ އިންސްޓަގްރާމަށް ދޫކޮށްލި ވީޑިއޯގައި ބުނެފައިވާ ގޮތުން ދުނިިޔެ މިއޮތީ މުސީބާތަކަށް ތައްޔާރުވެފައި ކަމަށާއި އެހެންކަމުން އެކަން މީހުންގެ ސަމާލުކަމަށް ގެނެއުމަށް މުވާސަލާތީ އާ ގޮތެއް ހޯދަން މަޖުބޫރުވީކަމަށެވެ.

"ބައްރުތަކުގައި ވަނީ އަލިފާން ރޯވެފައި، އައިސްގަނޑުތައް ވިރެނީ، ފަރުތައް މަރުވަނީ، ކަނޑުން މަސް ހުސްވަނީ. މި ލިސްޓު ދިގުލައިގެން ހިނގައިދާނެ. އެހެން ކަމުން ދުނިޔެ ސަލާމަތްކުރުން މިވަނީ މުވާސަލާތީ ޗެެލެންޖަކަށް ވެފައި،" އޭނާ ބުނެފައިވެ އެވެ.

ސާ ޑޭވިޑް އިތުރަށް ބުނެފައިވާ ގޮތުގައި އޭނާ މި ޕްލެޓްފޯމް ބޭނުންކުރައްވާނީ ދުނިޔޭގައި ހުރި މައްސަލަތައް ތަފްސީލުކޮށްދީ އެކަންތަކާއި ގުޅިގެން ދެން ކަންކުރަންވާ ގޮތް އާންމުނަށް އޮޅުން ފިލުވައިދިނުމަށް ކަމަށެވެ.

ސާ ޑޭވިޑް އިންސްޓަގްރާމަށް އައިސްފައިވާ އިރު ވަރަށް އަވަހަށް އޭނާގެ ފޮތަކާއި ނެޓްފްލިކްސް ޑޮކިއުމެންޓަރީއެއްވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދޭތީގެ ވެސް ނަމަކީ "އަ ލައިފް އޮން އަވަ ޕްލެނެޓް" އެވެ.