އެމެރިކާގެ ސަރުކާރުން އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ތެރެއިން، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އީރާނުގެ އެއާލައިންތަކަށް ބައިނަލްއަޤްވާމީ ފެންވަރުގައި އޮޕަރޭޓްކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު އިންޒާރު ދެއްވައިފި އެވެ.
ސީއެންބީސީ އަށް ދެއްވި ބަސްދީގަތުމެއްގައި ބެސެންޓް ވިދާޅުވީ، ސެޕްޓެމްބަރު 23 އިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އީރާނުގެ ހުރިހާ އެއާލައިންތަކެއްގެ މަސައްކަތްތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
"އެ އެއާލައިންތަކުގެ ބޯޓުތައް ޖެއްސުމުން، އެ ފަރާތްތަކަށް ތެޔޮ ފޯރުކޮށްދިނުމާއި، ގްރައުންޑް ހޭންޑްލިންގް ނުވަތަ ލޭންޑިންގް ހިދުމަތްތައް ދިނުމާއި، އަދި ޓިކެޓް ވިއްކުމަކީ މަނާކަމެއް. މިފަދަ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާގެ ޑޮލަރުގެ މާލީ ނިޒާމުގެ ތެރެއިން ފުރުސަތު ގެއްލިގެންދާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ މަތީ ލީޑަރާއި އަސްކަރީ އިސް ބޭފުޅުން އަވަހާރަކޮށްލުމާ ގުޅިގެން، ދެގައުމުގެ ދެމެދުގައި ވަނީ ހަނގުރާމަވެރި ހާލަތެއް އުފެދިފަ އެވެ.
މީގެ ރައްދުގައި އީރާނުން ވަނީ ހަކަތަ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ސަބަބުން މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.
މި މަހުގެ ކުރީކޮޅު އެމެރިކާ އިން ވަނީ ކުރިން ފިޔަވަޅު އަޅާފައިނުވާ އީރާނުގެ ބާކީ ހުރި ހުރިހާ އެއާލައިންތަކަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. މީގެ އިތުރުން، އީރާނުން ބޭރުގައި ހުރި ކުންފުނިތައް ހިމެނޭހެން، އީރާނުގެ އޭވިއޭޝަން ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށްވެސް ޓްރެޜަރީ ޑިޕާޓްމަންޓުން ވަނީ އަމާޒުކޮށްފަ އެވެ.
ބެސެންޓް މީގެ ކުރިން ވިދާޅުވެފައިވަނީ އީރާނާ ދެކޮޅަށް "އިގްތިސާދީ ޑީ-ޑޭ" އިއުލާނުކޮށް، އެ ގައުމަށް ވަންނަ މާލީ މަގުތައް ބަންދުކުރައްވާނެ ކަމަށެވެ.
ބެސެންޓް މިހެން ވިދާޅުވެފައިވަނީ ޗައިނާގެ ވައިސް ޕްރިމިއާ ހޭ ލިފެންގްއާ ބައްދަލުކުރައްވައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޗައިނާގެ ލީޑަރު ޝީ ޖިންޕިން މި ބުރާސްފަތި ދުވަހު ބާއްވަވާ ސަމިޓަށް މަގުފަހިކުރުމުގެ ގޮތުން ބޭއްވި އިގްތިސާދީ މަޝްވަރާތަކަށް ފަހު އެވެ. ޗައިނާއަކީ އީރާނުގެ އެންމެ މުހިންމު އިގްތިސާދީ އަދި ސިޔާސީ ބައިވެރިންގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
އީރާނުގެ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މަތިންދާބޯޓު ގަތުމާއި، ބޯޓުފަހަރަށް ބޭނުންވާ ސާމާނާއި މަރާމާތުގެ ހިދުމަތް ހޯދުމުގައި ގިނަ ދުވަސްތަކެއް ވަންދެން ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މީގެ އިތުރުން، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އިގްތިސާދީ ފިއްތުންތަކުގައި ޗައިނާގެ އިސް އޮފިޝަލުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ ކަމަށް ބެސެންޓް ވިދާޅުވި އެވެ. އަދި އީރާނަށް އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ޗައިނާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޕޭން ގޮންގްޝެންގް ހިމެނޭހެން އެ ގައުމުގެ މާލީ އިދާރާތަކާއެކު އުއްމީދީ މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ހާމަކުރެއްވި އެވެ.
ތަކުރާރުކޮށް ބޮލުގައި ރިއްސާ ސަބަބުތަކާއި ސަމާލުވާންވީ ކަންކަން!
އެމެރިކާގެ ޓީވީ ނެޓްވޯކްތައް ޓްރަމްޕްގެ ހަބަރުތައް ބޮއިކޮޓްކޮށްފި
ޓެކްމޯ މޮބައިލްއިން އެންމެ ފަހުގެ އައިފޯންގެ ޕްރީ ބުކިންއަށް

އީރާނުން އެމެރިކާއަށް އިގްތިސާދީ އަދި އަސްކަރީ އިންޒާރުތަކެއް
އީރާނަށް އަޅާނެ އިގްތިސާދީ ފިޔަވަޅުތައް އެމެރިކާއިން ހާމަކޮށްފި
އީރާނާ ދެކޮޅަށް ވަރުގަދަ އިގްތިސާދީ ހަނގުރާމައެއް އިއުލާންކޮށްފި