ބަރުދަނުގައި 21 ޓަނު ހުރި ޗައިނާގެ ރޮކެޓް "ލޯންގް މާޗް 5ބީ" ކޮންޓްރޯލެއް ނެތި ދުނިޔެއާ ދިމާޔަށް ދަތުރުކުރަމުން އެބަ އާދެވެ. މި ރޮކެޓަކީ ޗައިނާއިން ޖައްވުގައި ގާއިމުކުރަން މަސައްކަތްކުރާ ޖައްވީ ސްޓޭޝަނުގެ މައި ކޮމްޕޯނެންޓް ހިފައިން ޖައްވަށް ދިޔަ ރޮކެޓެވެ. މިދަތުރުގައި ރޮކެޓުން ވަނީ ކާމިޔާބުކަމާއެކު ޖައްވީ ސްޓޭޝަނުގެ މައި ޖައްވުގައި ގާއިމު ކޮށްފަ އެވެ.
އާންމު ގޮތެއްގައި މިބާވަތުގެ ރޮކެޓުތައް ތިރިކުރަނީ ބިމުން ކޮންޓްރޯލްކޮށް ވަކި ދިމާއަކުންނެވެ. އެއަށް ފަހު ދުނިޔެއާ ހަމަޔަށް ވާސިލު ނުވެ ރޮކެޓު އަނދައި ހުލިވެގެންދެ އެވެ. އެކަމަކު 30 މީޓަރުގެ ދިގު މިރޮކެޓް ވަނީ ކޮންޓްރޯލުން ނައްޓާލައި ދުނިޔޭގެ އޯބިޓަށް ވަދެފަ އެވެ. މިވަގުތު ރޮކެޓް އަންނަނީ ވަރަށް ބާރު ސްޕީޑެއްގައި ދުނިޔެ ވަށައި ބުރު ޖަހަމުންނެވެ. ކޮންމެ 90 މިނިޓަކުން ރޮކެޓް ދުނިޔެ ވަށާ ބުރެއް ޖަހާއިރު ނިއުޔޯކާއި މެޑްރިޑާއި ބެއިޖިންގާއި ޗިލީއާއި ނިއުޒީލެންޑްގެ ވެލިންޓަން މަތިން އޭތި ހުރަސްކުރާ ކަމަށްވެ އެވެ.
ނާސާގެ ސައިންސް ވެރިން އަންނަނީ ޗައިނާގެ މިރޮކެޓުގެ ހަރަކާތްތައް ބަލަމުންނެވެ.
އެ އިދާރާއިން ބުނާގޮތުގައި ރޮކެޓުގެ އާދަޔާ ޚިލާފު ބާރު ސްޕީޑުގެ ސަބަބުން އޭތި ދުނިޔެއަށް އަމާޒު ހިފާނީ ކޮން ދިމާއަކުންކަން އަންދާޒާކުރުމަކީ ވާނެ ކަމެއް ނޫނެވެ. ނަމަވެސް ސައިންސްވެރިން ލަފާ ކުރާގޮތުގައި މި ރޮކެޓް މިމަހުގެ 8 އާއި 10އާ ދެމެދުގެ ދުވަހެއްގައި ދުނިޔެއަށް އަމާޒުވާނެ އެވެ.
ތަޖުރިބާކާރުން ބުނާގޮތުގައި ރޮކެޓު ވެއްޓޭނެ ތަނެއް އަންދާޒާ ކޮށްލަން ނޭނގުނު ކަމުގައި ވިޔަސް އޭގެ ސަބަބުން މާބޮޑު ނުރައްކަލެއް ނެތެވެ. މިބާވަތުގެ ރޮކެޓްތައް ވެއްޓެމުން އަންނައިރު އާންމު ގޮތެއްގައި ދުނިޔެއަށް ވާސިލުވުމުގެ ކުރިން ގޮވާނެ އެވެ. އެފަދަ ގޮވުމަކުން ބުރައިގެން އަންނަ އެތިކޮޅުތައް ގިނަފަހަރަށް އަމާޒުވަނީ ކަނޑަށެވެ. ނޫނީ މީހުން ނޫޅޭ ޖަންގައްޔެއް ފަދަ ތަނަކަށެވެ. މީގެ ބައިތައް ދުނިޔެއިން މީހަކާ އަމާޒުވުމަށް ތަޖުރިބާކާރުން ބުނަގޮތުން އޮންނަނީ އެތަކެއް މިލިއަނުން އެންމެ ޕަސެންޓެއްގެ ޗާންސެކެވެ.
ޗައިނާއިން މަސައްކައް ކުރަމުން ގެންދަނީ އެގައުމުގެ "ޓިއަންގޮންގް" ޖައްވީ ސްޓޭޝަން 2022 ގައި ނިންމުމަށެވެ. މިހާރު ތިރިވަމުން އަންނަ "ލޯންގް މާޗް 5ބީ" ރޮކެޓަކީ އެ ސްޓޭޝަންގެ ފުރަތަމަ ބައި ޖައްވަށް ދޫކުރުމުގެ ކާމިޔާބު މަސައްކަތުގައި ބޭނުން ކުރި ރޮކެޓެވެ.