މި ސަރުކާރު ހަވާލުވިއިރު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑު އޮތީ އެންމެ އެދެވޭ ހާލަތަކު ނޫން ކަމަށް މޭޖާ ޖެނަރަލް އިބްރާހީމް ހިލްމީ ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު ކަމަށްވެފައި، ކަނޑުގެ ސަރަހައްދުގައި ދިވެހި ކޯސްޓްގާޑުން އަދާކުރަން ޖެހޭ ދައުރު ވެސް އޮންނަނީ ބޮޑުވެފައި ކަމަށެވެ. އަދި އެ ދައުރު އަދާކުރުމަށްޓަކައި، ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރު ހަވާލުވިއިރު، ކޯސްޓުގާޑު އޮތީ އެންމެ އެދެވޭ ހާލަތުގައެއް ނޫންކަން ހިލްމީ ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެންމެ އިސްކަމެއް ދީގެން ބެއްލެވީ ކޯސްޓުގާޑުގެ ހާލަތު މިހާރު އޮތް ވަރަށް ވުރެ ރަނގަޅު ކުރުމަށް ކަމަށާއި މިހާތަނަށް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ހިލްމީ ވިދާޅުވި އެވެ.

"ވެރިކަމާ ހަވާލުވެވަޑައިގެންއިރު ރައީސް މުއިއްޒު ވާނީ ކޯސްޓުގާޑު ދެގުނަ ކުރައްވާނެ ކަމަށް ވިދާޅުވެފައި. އެމަނިކުފާނު އޭރު އެފަދައިން ވިދާޅުވީ އަޅުގަނޑުމެންގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ދިވެހިރާއްޖޭގަ ހިދުމަތް ފޯރުކޮށް ދޭން ޖެހޭ ފުޅާމިނަށް ބެއްލެވުމަށް ފަހު. މިހާރު ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން، ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމަށް،،" އޭނާ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންއިރު ރައީސް މުއިއްޒު ވާނީ ކޯސްޓުގާޑު ދެގުނަ ކުރައްވާނެ ކަމަށް ވިދާޅުވެފައި. އެމަނިކުފާނު އޭރު އެފަދައިން ވިދާޅުވީ އަޅުގަނޑުމެންގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެން ދިވެހިރާއްޖޭގަ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފުޅާމިނަށް ބެއްލެވުމަށް ފަހު. މިހާރު ދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން، ކޯސްޓުގާޑުގެ ގާބިލުކަން އިތުރުކުރުމަށް،
މޭޖާ ޖެނަރަލް އިބްރާހީމް ހިލްމީ

ހިލްމީ އެހެން ވިދާޅުވިއިރު ވ. އަލިމަތާ ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް މީހަކު ގެއްލުނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނޑު ހަމަ އެދުވަހު ހޯދުނުއިރު، ބާކީ ހަތަރު މީހުންގެ ހަށިގަނޑު ފެނުނީ އެ މީހުން ފީނަން ފޭބި ހޮހަޅަ ތެރެއިން އިއްޔެ އެވެ. އެ މީހުންތައް އަދިވެސް ހޮހޮޅައިން ނުނެގެ އެވެ.

ހޮހޮޅާގައި މަރުވި މީހުން ހޯދުމަށް ޑައިވްކުރި ކޯސްޓްގާޑުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މިދިޔަ ހޮނިހިރު ދުވަހު ވަނީ މަރުވެފަ އެވެ. އެއާއެކު، އޮޕަރޭޝަން މެދުކަނޑާލުމަށް ފަހު، އަލުން ފެށީ އިއްޔެ އެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފް އާއި ފުލުހުންނާ އެކުގައި އިޓަލީ ސަރުކާރުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުންތަކެއް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހިލްމީ ދިން އިންޓަވިއުއާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ސޯޝަލް މީޑިއާގައި ހިލްމީއަށް ފާޑުކިޔާ ފަރާތްތަކުން ބުނީ ސިފައިންގެ ޗީފް ސިޔާސީ ވާހަކަދެއްކުމަކީ މީގެ ކުރިން ކުރާ ކަމެއް ނޫން ކަަމަށެވެ.