ލ. ގަމުގައި އީދަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ކަރަންޓުޖެހި ސީރިއަސް އަނިޔާތަކެއް ލިބުނު ކުޑަ ފިރިހެން ކުއްޖަކު އިތުރު ފަރުވާއަށް މިއަދު މާލެ ގެނެސްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައި، އެ ރަށު ބީޗްގަ އެވެ. އުމުރުން 14 އަހަރުގެ މި ކުއްޖާގެ ގައިގައި ކަރަންޓު ޖެހުނީ މަގުމަތީގައި ހުރި ކަރަންޓު ހޮޅިދަނޑިއަކުން އެތަނަށް ކަރަންޓު ގުޅުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު އެވެ.

މި ހާދިސާއާ ގުޅިގެން އެ ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މާލެ ގެނައުމުގެ ކުރިން ކުއްޖާއަށް ފަރުވާދީފައިވަނީ ލ.ގަމު ހޮސްޕިޓަލުގައި ވެންޓިލޭޓަރުގަ އެވެ.

އެ ކުއްޖާ މިހާރު ވަނީ މާލެ ގެނެސް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުގައި ފަރުވާ ދޭން ފަށާފަ އެވެ.

އެނގިފައިވާ ގޮތުގައި ކަރަންޓް ޖެހުމުގެ ސަބަބުން މާލެ ގެނައިރުވެސް އެ ކުއްޖާ ހޭނާރަ އެވެ. އަދި ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ.