މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) އަށް ޕޮޒިޓިވްވި އިތުރު ދެ މީހަކު ފެނި، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 11 އަށް އަރައިފި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި މި ދެ ކޭސް ފެނިފައިވަނީ ނިމިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވީ ނަމަވެސް، ދޭތެރެ ދޭތެރެއިން ރާއްޖެއިން މި ބަލީގެ ކޭސްތައް ދަނީ ފެންނަމުންނެވެ. އެގޮތުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޭޕްރިލް މަހުވެސް ރާއްޖެއިން މި ބަލި ފެނިފައިވެއެވެ.

ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ހުން އައުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށްވެސް އެ އިދާރާއިން ވަނީ އަންގާފަ އެވެ. މީގެ އިތުރުން، ބައްޔަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އިރުޝާދު ދީފަ އެވެ.

އަވަށްޓެރި ގައުމުތަކުގައި މި ބަލި އުޅޭތީ، ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮންނާތީ ވެކްސިން ޖެހުމަށް ފަރުވާކުޑަ ނުކުރުމަށް ޑޮކްޓަރުން ބާރުއަޅުއްވަ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް ކުއްޖާއަށް އެއް އަހަރުގައި ދޭއިރު، ދެވަނަ ޑޯޒް ދެނީ ތިން އަހަރުގަ އެވެ. މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ވަސީލަތަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން ކަމަށް ސިއްހީ އިދާރާތަކުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.