މިދިޔަ ހަފުތާގައި ވެސް ރާއްޖޭން އިތުރު ހަތަރު މީހަކު ހިމަބިއްސަށް (މީސްލްސް) ފައްސިވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި އަހަރުގެ މިހާތަނަށް ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 15 އަށް އަރައިފަ އެވެ.

އެ އެޖެންސީން ވަނީ ހިމަބިހިން ރައްކާތެރިވުމަށްޓަކައި ބައެއް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ބަލި ޖެހެނީ ހިމިބަހި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު، ނޭވާލާ ނިޒާމުގެ ތެރެއިން ކަމަށް އެ އެޖެންސީން ބުނެ އެވެ. އަދި އެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެ ވެސް އެޗްޕީއޭ އިން ބުންޏެވެ.

މި ބައްޔަކީ 2017 ވަނަ އަހަރު ރާއްޖެއިން ނައްތައިލެވިފައިވާ ބައްޔެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައެޅި ބައްޔެއް ވެސް މެ އެވެ.