ބޮލީވުޑްގެ "ޝަހެންޝާހް" ގެ ނަމުން މަޝްހޫރު ވެފައިވާ އަމީތާބް ބައްޗަން އަކީ އޭނާގެ ހީވާގިކަމާއި، މަސައްކަތަށް ބަހައްޓާ ފަރުވާތެރި ކަމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ބައެއްގެ އިހުތިރާމް ހޯދާފައިވާ ފަންނާނެކެވެ.
އުމުރުން ދުވަސްވީ ނަމަވެސް، މަސައްކަތް ކުރުމުގައި އޭނާ ދައްކަމުންދާ ޖޯޝަކީ މިއަދުގެ ޒުވާން ތަރިންނަށްވެސް ދެއްކޭނެ ފަދަ ޖޯޝެއް ނޫނެވެ.
ދާދިފަހުން އަމީތާބް ބައްޗަން މިވަނީ އޭނާގެ އަމިއްލަ ބްލޮގް މެދުވެރިކޮށް، ސަޕޯޓަރުން ހައިރާން ކޮށްލާ ފަދަ ހަބަރެއް ހިއްސާ ކޮށްފަ އެވެ. އުމުރުން 83 އަހަރުގައި އޭނާ މިވަނީ އެންމެ ދުވަހެއްގެ ތެރޭގައި 12 ކުރު ފިލްމެއްގެ ޝޫޓިންގް އެއްކޮށް ނިންމާލާފަ އެވެ.
މީތާބް ބައްޗަން ބުނިގޮތުގައި، މި ފިލްމުތަކަކީ ތަފާތު ކެމްޕޭންތަކަކަށާއި އިޖުތިމާއީ ހޭލުންތެރިކަމަށް ތައްޔާރުކުރި ކުރު ފިލްމުތަކެކެވެ. ހެނދުނުން ފެށިގެން ރޭގަނޑު ވަންދެން، މެދުކެނޑުމެއްނެތި ކެމެރާގެ ކުރިމަތީގައި ހޭދަކުރި އެ ދުވަހަކީ ވަރަށް ބުރަ، ނަމަވެސް އިންތިހާއަށް ހިތް ހަމަޖެހުން ލިބުނު ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.
"އުމުރަކީ ހަމައެކަނި ނަމްބަރެއްކަން އަމީތާބު މި ސާބިތު ކޮށްދިނީ. އެންމެ ދުވަހަކުން 12 ޝޫޓިންގް ނިންމާލުމަކީ 20 އަހަރުގެ ޒުވާނަކަށްވެސް ފަސޭހަ ކަމެއް ނޫން،" އަމީތާބްގެ ބްލޮގް ޕޯސްޓަށް ކޮމެންޓްކުރި ސަޕޯޓަރަކު ލިޔެފައިވެ އެވެ.
މި ހަބަރާއެކު ސޯޝަލް މީޑިއާގައި އަމީތާބަށް ދަނީ ވަރަށް ބޮޑަށް ތައުރީފު އޮހެމުންނެވެ. ގިނަ ބަޔަކު އޭނާ ސިފަކުރީ މުޅި ޖީލަށް ހުރި "އެންމެ ބޮޑު އިންސްޕިރޭޝަން" ނުވަތަ ނަމޫނާގެ ގޮތުގަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާގައި ދެމިހުރުމުގެ ސިއްރަކީ އޭނާގެ ކިބައިގައިވާ މި ބުރަ މަސައްކަތުގެ އަހުލާގު ކަމަށް ފިލްމީ މާހިރުން އެއްބަސްވެ އެވެ.
އަމީތާބް ބައްޗަން އަބަދުވެސް ފާހަގަ ކުރެވެނީ ވަގުތަށް ކަމޭހިތާ، ސެޓަށް އެންމެ ކުރިން ހާޒިރުވާ އެކްޓަރުގެ ގޮތުގަ އެވެ. ދާދިފަހުން ނިކުތް ސައިންސް-ފިކްޝަން ފިލްމު "ކަލްކީ 2898 AD" ގައި އޭނާ ދެއްކި ވަރުގަދަ އެކްޝަން ރޯލަށްފަހު، މި އާ ކާމިޔާބީއަކީ އޭނާގެ ކެރިއަރުގައި ލިޔެވުނު އިތުރު ރަން ސަފުހާ އެކެވެ.
އަމީތާބް ބައްޗަންގެ ދިރިއުޅުމުން ބުނެދެނީ، އަމިއްލަ މަސައްކަތަށް ލޯތްބާއި އިހުލާސްތެރިކަން ހުރިނަމަ، ވަރުބަލިކަމެއް ނެތި ކުރިއަށް ދެވޭނެ ކަމެވެ. އުމުރުން 83 އަހަރުގައިވެސް އޭނާގެ މަސައްކަތަށް ހުއްޓުމެއް ނެތެވެ.
މިއީ ސަރުކާރު ބަލިކުރަން މަސައްކަތް ފަށަންވީ ވަގުތު: ޝާހިދު
ފޫހިވުމުން ފައިދާ ކުރޭ؟