މަގުމަތީގައި ހައްދާފައި ހުރި ކޮޕީފަތް ގަސްތަކެއްގެ ތުރާ ބޮޑުވެގެން އެ ގަސްތައް ނެގުމަށްފަހު އެ ސަރަހައްދު ސާފުކުރުމަށް އެދި "ތުރާ ފިލުވުމަށް ދަންނަވާ ޗިޓު" ގދ. ތިނަދޫ ކައުންސިލުން ފޮނުވައިފި އެވެ.

ތިނަދޫ ގެ އެއްގެ އިރުމަތީ ފަރާތު މަގުމަތީގައި ހައްދާފައި ހުރި ކޮޕީފަތް ގަސްތަކެއް ތުރާ ބޮޑުވެގެން މީހަކު ހުށައެޅި މައްސަލައަކާއި ގުޅިގެން އެ ރަށު ކައުންސިލުން ވަނީ އެ ގަސްތައް ދެ ދުވަސްތެރޭ އުފުރާލުމަށް ފަހު ސަރަހައްދު ސާފުކުރުމަށް އެ ގަސްތަކުގެ ވެރިފަރާތަށް ޗިޓަކުން އަންގާފަ އެވެ. ތިނަދޫ ޝަބްނަމްގެ، އާތިފް އަބްދުއް ސަމަދަށް މިމަހުގެ 14 ވަނަ ދުވަހު ފޮނުވި މި ޗިޓުގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.

"ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިސްވެ ދެންނެވިފައިވާ މަގު ސާފު ނުކޮށްފިނަމަ ތިޔަ ފަރާތް ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ،" އެ ޗިޓުގައި ވެ އެވެ.

މިދުވަސްވަރަކީ މުޅި ރާއްޖޭގައި ވެސް ގަސް ހެއްދުމަށް އާ ޖޯޝަކާއިގެން މީހުން އުޅޭ ދުވަސްވަރެކެވެ. އެގޮތުން ރާއްޖޭގެ ގިނަ ރަށްތަކުގައި މީހުން އެ ގެއެއްގެ މަގުމައްޗަށް ވާގޮތަށް ކޮޕީފަތް ގަސް ފަދަ ގަސްތައް ހައްދަ އެވެ.