ރިޔާދް (09 މެއި) - ކޮވިޑް-19 އިން ސަލާމަތްވުމަށް ވަރުގަދަ ފިޔަވަޅުތަކާއި ހާއްސަ ޝަރުތުތަކަކާއެކު މި އަހަރުގެ ހައްޖުގެ އަޅުކަން އޮންނާނެ ކަމަށް ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ހައްޖުން ބުނެފި އެވެ.
އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެ ގައުމުގައި ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ސިއްހީ އިދާރާތަކުގެ ލަފާގެ މަތިން ކުރިއަށްދާނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަހަރުގެ ހައްޖުގެ އަޅުކަން އޮންނާނެ ގޮތުގެ ތަފްސީލް ފަހުގެ ތާރީހެއްގައި އިއުލާން ކުރެވޭނެ ކަމަށެވެ.
ފާއިތުވި 2020 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ގެންދިޔައީ 10،000 ހައްޖުވެރިންނާ އެކު ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. އެ އަހަރު ސައޫދީ އަރަބިއާ ނޫން އެހެން ގައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ޙައްޒުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުން ދީފައެއް ނުވެ އެވެ.
ލަފާކުރެވޭ ގޮތުގައި މިއަހަރުގެ ޙައްޖު ވެސް އޮންނާނީ މިފަދަ ގިނަ ފިޔަވަޅުތަކަކާ އެކީގަ އެވެ. --އަލް އަރަބިއްޔާ