ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅޭ ދިވެހިންނާއި ބިދޭސީންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށާއި އެ ގަޑިތަކުގައި ވެހިކަލް ދުއްވާ ނިސްބަތް ވެސް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ރޭގަނޑު 9:30ގެ ފަހުން ހުރިިހާ ހޮޓާ ކެފޭ ރެސްޓޯރެންޓްތައް ބަންދުކުރަން މި އޮންނަނީ އަންގާފައި. އަނެއްކާ ވެސް އެތަންތަން ހުޅުވައިގެން ޚިދުމަތްދޭ ޢަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.

"މަނާ ގަޑިތަކުގައި ޑެލިވަރީގެ ޚިދުމަތްވެސް ވަރަށް ގިނައިން ދެމުން އަންނަކަން ފާހަގަކޮށްލަން. ޚާއްސަކޮށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި އެކަން ކުރާ ބަޔަކުވެސް އެބައުޅޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާ އޮފީސްތަކުގެ މުވައްޒަފުންނަށް ކާފިއު ގަޑިތަކުގައި ދީފައި އޮންނަ ހުއްދައިގެ ބޭނުން ނާޖާއިޒްގޮތުގައި ބައެއް ފަރާތްތަކުން ހިފުމާއި ކަސްރަތު ކުރަން ނުކުންނަ ބައެއް ފަރާތްތަކުން ވެސް ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އިޖުތިމާއި ގައިދުރުކަން ބެހެއްޓުމެއްނެތި ގިނަ ބަޔަކު ބައިވެރިވާގޮތަށް ސްވިމިން ކްލާސްތަކާއި ސެލްފް ޑިފެންސް ކްލާސްތައް ވެސް ބައެއް ފަރާތްތަކުން ހިންގަމުންދާކަން ފާހަގަކުރެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭގެ އެންގުމާ ޚިލާފަށް މަގުމައްޗަށް މާސްކް ނާޅާ ނުކުތް 3،877 މީހަކަށް ނަސޭޙަތްދީފައިވާއިރު، މާސްކް ނާޅާ ނުކުތް 1،798 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި މަގުމައްޗަށް ނުކުމެ އުޅުން މަނާ ވަގުތުގައި ނުކުތް 4،833 މީހަކަށް ނަސޭޙަތްދީ، 2195 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ފުލުހުން ބުނީ ވެހިކަލް ދުއްވުން މަނާ ގަޑީގައި، ވެހިކަލުގައި ބޭރުގައި އުޅުނު 4،321 މީހަކަށް ނަސޭޙަތްދީ 781 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.