އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖޭގައި އަހަރު ބާކީ ބައިގައި ތަކެތީގެ އަގު އިތުރަށް އުފުލޭނެ ކަމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން ލަފާކޮށްފި އެވެ.
އޭޑީބީން އަލަށް ނެރުނު "އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކް" ރިޕޯޓުގައިވާ ގޮތުން، މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގުތައް އަންނަނީ ބޮޑުވަމުންނެވެ. އެގޮތުން ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވުމުން، އަހަރުގެ ކުރީކޮޅު އަގުތައް ހިފެހެއްޓިފައި ހުރި ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އިންފްލޭޝަން ރޭޓު 5.0 އިންސައްތައަށް އުފުލޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މީގެ އިތުރުން މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން 1.0 އިންސައްތައަށް ދަށްވާނެ ކަމަށް ބެލެވޭއިރު، މިއީ މިދިޔަ އަހަރުގެ 6.3 އިންސައްތައާ އަޅާބަލާއިރު ބޮޑު ހީނަރުވުމެކެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ވެސް ކުރިން ލަފާކުރި 5.0 އިންސައްތައިން 5.7 އިންސައްތައަށް ވަނީ މަތިކޮށްފަ އެވެ. އަންނަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ 3.0 އިންސައްތައަށް ކަމަށާއި އިންފްލޭޝަން 4.0 އިންސައްތާގައި ހުންނާނެ ކަމަށް ވެސް އޭޑީބީން ލަފާކުރެ އެވެ.
އޭޑީބީގެ ރިޕޯޓުގައި ބުނެފައި ވަނީ ތެލުގެ ސަބްސިޑީ ދިނުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވާ ވަރަކަށް ދައުލަތުގެ ބަޖެޓަށް ކުރާ ބާރު ބޮޑުވާނެ ކަމަށާއި، އެހެންކަމުން ސަބްސިޑީތައް ކުޑަކޮށް ވިލުންތެރި އިގުތިސާދެއް ބިނާކުރުން މުހިންމު ކަމަށެވެ.
ރާއްޖޭގައި ވެސް ކަރަންޓު އަގުހެޔޮކުރަން ސްޓެލްކޯއާއި ފެނަކައަށްދޭ ތެލުގެ ސަބްސިޑީއަށް މިދިޔަ އަހަރު އެކަނި ވެސް ބަޖެޓު ކުރި ވަރަށްވުރެ 119 އިންސައްތަ އިތުރަށް، ޖުމްލަ 832 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. ދައުލަތުގެ ހަރަދު ކުޑަކުރަން އެންމެނަށް ދޭ ސަބްސިޑީ ކަނޑާލައި އެހީ ބޭނުންވާ މީހުންނަށް އެކަނި ޑައިރެކްޓް ސަބްސިޑީ ދޭން ބަޖެޓުގައި ހިމެނި ނަމަވެސް، ރައްޔިތުންނަށް ދޭ އެހީއެއް އުނިނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އިސްލާހުތައް ތަންފީޒު ނުކުރަން ނިންމަވާފަ އެވެ. އިގުތިސާދީ މާހިރުންގެ ފާޑުކިޔުން މި ނިންމުމަށް އަމާޒުވެފައި ވާއިރު، ހަނގުރާމަ ހުއްޓުވުމުގެ އުއްމީދު ފަނޑުވެ، ރާއްޖޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތައް މިހާރު ވެސް ދަނީ އުފުލެމުންނެވެ.
ކޮމިޓީ ބައްދަލުވުމެއްގައި 15 މިނިޓު ވެސް ހޭދަ ނުވޭ: އެމްޑީޕީ
ފިލްމުތައް ހިޓްވީ ބައްޕަގެ ނުފޫޒުން ކަމަށް ބުނި: ރިތޭޝް
މައުލޫމާތު ނުދޭން ނިންމި މުވައްޒަފުންނަށް ފިޔަވަޅު އަޅަނީ