މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެން ފަށައިފި އެވެ. މި ބަލި ޖެހިގެން ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ޑޮކްޓަރަށް ދައްކަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

މި ބަލި ޖެހުމުން ހޮޑުލުމާއެކު ބޭރަށް ހިންގާއިރު، މާގިނައިން ބޭރަށް ހިންގައި މީހާގެ ގައިން ވަރުދެރަކޮށްލަ އެވެ. މީގެ ކުރިން މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެސް މިފަދަ ރޯގާއެއް މާލެ ސަރަހައްދުގައި ފެތުރިފައިވެ އެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތަކެއް ހިއްސާކޮށްފަ އެވެ. އޭގެ ތެރޭގައި:

  • ބޭރަށް ހިންގާނަމަ ގިނައިން ފެނާއި، އޯއާރުއެސް އަދި ސޫޕް ފަދަ ދިޔާ ތަކެތި ބޭނުންކުރުން.
  • ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ކުރުމަށްފަހު، ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން.
  • ބަލީގެ އަލާމާތްތައް ފެންނަނަމަ ސްކޫލަށް ނުވަތަ ވަޒީފާއަށް ނުގޮސް މަޑުކުރުން.

މިދުވަސްވަރަކީ ސްކޫލް ބަންދު ދުވަސްވަރު ކަމަށްވުމާއެކު، ބަލިތަކުން ރައްކާތެރިވުމަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ބޭރަށް ހިންގުމުގެ އިތުރުން، މާލެ ސަރަހައްދުގައި ހިމަބިހި ފެތުރެމުންދާތީ އެކަމަށްވެސް ރައްޔިތުން ސަމާލުވުމަށް ވަނީ އެދިފަ އެވެ.

އެގޮތުން ހުން އައިސް ގައިގައި ރަތްބިހި ނަގާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓުކޮށްފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ތިބުމަށް އެޗްޕީއޭއިން އިރުޝާދުދެ އެވެ. މީގެ އިތުރުން، މަދިރިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ލޯޝަން ބޭނުންކުރުމަކީވެސް މިދުވަސްވަރު މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.