ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިނިވަންކަމާއެކު ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، ރައީސް މުހައްމަދު މުއިއްޒަށް ވޯޓުގެ ފަސް އިންސައްތަ ވެސް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން ރިޔާސީ އިންތިހާބަކަށް ނުކުމެވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށެވެ. އެގޮތުން، ދިވެހި ތާރީހުގައި ވެސް ރައްޔިތުންގެ މެދުގައި މިހާ މަގްބޫލުކަން ކުޑަ ވެރިއަކު ފެނިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ފައްޔާޒު އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ގައުމުގެ ހާލަތު ބޮއްސުންލައިގެންދާ މިންވަރަށް ކަންކަން ގޯސްކޮށްފަ އެވެ. އަދި ރައީސް މުއިއްޒަށް އިންތިހާބެއް ކާމިޔާބު ކުރެއްވޭނެ ހަމައެކަނި ގޮތަކީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލައިގެން، ވާދަވެރިކަމެއް ނެތް އިންތިހާބެއް ބޭއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ހާލަތެއްގައި ނަމެއްގައި ވާދަކުރައްވާ ބޭފުޅެއްގެ ގޮތުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ ނަންފުޅު ގެނެސްފާނެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އޮޅުވާލައިގެންނާއި ފައިސާ ދީގެން ވޯޓު ގަތުމަށް ކަމަށާއި، ރައްޔިތުންނަށް ވަޒީފާގެ ބިރުދައްކައިގެން ވެރިކަންކުރާ ޕީއެންސީއަށް މީހުން ވައްދަމުންދަނީ މަގްބޫލުކަން ނެތުމުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެހެންކަމުން، ރައްޔިތުންގެ ރުހުމުގައި ވޯޓު ލިބިގެން ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް މި ސަރުކާރަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.