ރާއްޖޭގައި ހުންނަ ޖަރުމަނުވިލާތުގެ ކޮންސިއުލޭޓް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޖަރުމަނު ސަރުކާރުން މި މަހުގެ 2 ވަނަ ދުވަހު މި ކޮންސިއުލޭޓް ބަންދުކޮށްފައިވާކަން އަންގާފައިވާއިރު، ކުއްލި ހާލަތެއްގައި ސްރީލަންކާގައި ހުންނަ އެ ގައުމުގެ އެމްބަސީއަށް ގުޅުމަށް ވަނީ އެދިފަ އެވެ.
އެކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޖަރުމަނު ސަރުކާރަށް މި ފިޔަވަޅު އަޅަންޖެހުނީ ދިވެހި ސަރުކާރުން ގެންގުޅޭ ނުބައި ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ.
އެ މަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި، ދިވެހި ސަރުކާރުން ބޭނުންވީ އެ މަގާމުގައި ހުންނެވި އޮނަރަރީ ކޮންސުލް ވަކިކޮށް، ސަރުކާރުން ބޭނުންވާ ފަރާތެއް އެ މަގާމަށް އައްޔަން ކުރުމަށެވެ. ނަމަވެސް، ޖަރުމަނު ސަރުކާރުން އެގޮތަށް އަމަލުކުރަން ބޭނުންނުވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޖަރުމަނުގެ އޮނަރަރީ ކޮންސުލްގެ މަގާމުގައި ހުންނެވީ ވިޔަފާރިވެރިޔާ ސަންޖޭ އިބްރާހިމް މަނިކެވެ. އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ 2019 ވަނަ އަހަރު އެވެ.
ލަންކާގައި ހުންނަ ޖަރުމަނު އެމްބަސީއިން ބުނި ގޮތުގައި، ރާއްޖޭގައި އެ ގައުމުގެ މަންދޫބެއް ނެތުމުން، ދަތުރުކުރާ ފަރާތްތަކަށް ލިބޭނީ ހަމައެކަނި ލަފަޔާއި އިރުޝާދެވެ. އެހެންކަމުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެ އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ބޭރު ފައިސާގެ ވިޔަފާރީގައި އުޅޭ ތިން މީހަކު ހައްޔަރުކޮށްފި
ފުއްގިރި މައްސަލައިގައި ޔާމީނަށް ހުކުމް އިއްވުން މި މަހު 29ގައި
އަދީބުގެ ހެކިބަސް ބަލައިގަންނާތީ މެންބަރު ހުސައިންގެ ފާޑުކިޔުން