ހޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްގެ އެންމެ ފަހުގެ ފިލްމު "ޑިގާ" ބޮކްސް އޮފީހުގައި ނާކާމިޔާބުވެ ވާނާ ބްރޯސް ސްޓޫޑިއޯއަށް 250 މިލިއަން ޑޮލަރަށްވުރެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އަލެހެންޑްރޯ ޖީ. އިއާނަރިޓޫ ޑައިރެކްޓަރުކަން ކޮށްފައިވާ މި ފިލްމަކީ އާންމުކޮށް ފެންނަ އެކްޝަން އަދި "މިޝަން އިމްޕޮސިބަލް" ފަދަ ފްރެންޗައިޒްތަކާ މުޅިން ތަފާތު، ތަފާތު ރަހައެއްގެ ސެޓަޔަރިކަލް ނުވަތަ ޖޯކު ޖެހުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި ޓޮމް ފެނިގެންދަނީ ވަރަށް ތަފާތު ސިފައެއްގައި، ތެލުގެ ވިޔަފާރިކުރާ މަހުޖަނެއްގެ ރޯލުންނެވެ. އޭނާގެ ނުރައްކާތެރި ވިޔަފާރީގެ ސަބަބުން ދުނިޔެއަށް ކުރިމަތިވާ މާހައުލީ ނުރައްކަލަކުން އިންސާނިއްޔަތު ސަލާމަތް ކުރަން އުޅޭ މަންޒަރު މި ފިލްމުން ސިފަކޮށްދެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ފިލްމު އުފެއްދުމަށް 160 މިލިއަނާއި 180 މިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓެއް ހޭދަވެފައިވެ އެވެ. އަދި ފިލްމު ޕްރޮމޯޓުކޮށް މާކެޓް ކުރުމަށް އެކަނިވެސް ގާތްގަނޑަކަށް 100 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވެ އެވެ.

ނަމަވެސް ފިލްމަށް އާންމުންގެ ފަރާތުން މާބޮޑު ތަރުހީބެއް ނުލިބި، ސިނަމާތަކުގައި ދެއްކި ފުރަތަމަ ހަފުތާ ބަންދުގައި ލިބުނީ ވަރަށް ދަށް އާމްދަނީ އެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުން ފިލްމަށް މިހާތަނަށް ލިބިފައިވަނީ ގާތްގަނޑަކަށް 35 މިލިއަން ވަރަކަށް ޑޮލަރެވެ. މިއީ ޓޮމްގެ ފިލްމަކަށް މިހާ ކުޑަ އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، މިއީ ހޮލީވުޑްގެ ފަހުގެ ތާރީހުގައިވެސް ފިލްމަކަށް ލިބުނު އެންމެ ބޮޑު އެއް މާލީ ގެއްލުމެވެ.

މި ފިލްމަށް މުޅިން ވެސް ހަރަދު ކޮށްފައިވަނީ ވާނާ ބްރޯސް އިން ކަމަށްވާތީ، މި ބޮޑު ގެއްލުމުގެ ހުރިހާ ބުރައެއް އުފުލަން ޖެހިފައިވަނީ އެ ސްޓޫޑިއޯ އަށެވެ.

ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި، ޓޮމް ފަދަ ބޮޑު ސްޓާރަކު އާންމުކޮށް ކުޅޭ ކެރެޓާތަކާ މުޅިން ތަފާތު، އަދި ބެލުންތެރިންނަށް ހަޖަމު ކުރަން އުނދަގޫ ސީރިއަސް އަދި ފާޑުކިޔުން އަމާޒުވާފަދަ ރޯލަކުން ފެނިގެންދިއުމަކީ މި ނާކާމިޔާބީއާ ކުރިމަތިވި މައިގަނޑު އެއް ސަބަބެވެ.