ބޮލީވުޑްގެ އެންމެ މަޝްހޫރު އަދި އެންމެ އިންތިޒާރު ކުރެވޭ އެއް ޓޯކްޝޯ ކަމަށްވާ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ އަދި އެންމެ ފަހު ސީޒަން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ ފުރަތަމަ އެޕިސޯޑުގެ ހާއްސަ މެހެމާނަކަށް އަރަނީ ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ޚާން އެވެ. ޝޯގެ އުފެއްދުންތެރިން ވަނީ މި ފަހަރުގެ ސީޒަންގެ ފުރަތަމަ ޓީޒާ އާންމު ކޮށްފަ އެވެ.

މި ޝޯއަކީ 20 އަހަރަށްވުރެ ގިނަ ދުވަހު ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯއަކަށް ވާއިރު، ކަރަން ޖޯހަރު ވަނީ މިއީ މި ޝޯގެ އެންމެ ފަހު ސީޒަން ކަމަށް މީގެ ކުރިން ކަށަވަރު ކޮށްދީފަ އެވެ.

މި ސީޒަންގެ ފުރަތަމަ އެޕިސޯޑުގެ ޓީޒާއިން ފެނިގެންދަނީ ކަރަން އާއި ސަލްމާން ޝޯގެ މަޝްހޫރު ސޯފާގައި ތިބެގެން ދައްކާ މަޖާ އަދި ހޫނު ވާހަކަތަކެެވެ.

ޓީޒާ ފެށޭއިރު ކަރަން ބުނަނީ މިއީ އެންމެ ފަހު ސީޒަން ކަމަށްވާތީ ކޮންމެ ކަމެއްވެސް ވެދާނެ ކަމަށެވެ. ޖަވާބުގައި ސަލްމާން އެއްވެސް ވިސްނުމަކާ ނުލައި ބުނަނީ "ކޮންމެ ތަނަކަށްވެސް ގޮސްދާނެ" ކަމަށެވެ.

މި ކުޑަ މަންޒަރުންވެސް މި ސީޒަނުގައި ވަރަށް ގިނަ ހައިރާން ކުރުވަނިވި ކަންތައްތަކާއި ސީދާ ޖަވާބުތަކެއް ފެނިގެންދާނެކަން ހާމަވެގެންދެ އެވެ.

ސަލްމާން ޚާން މި ޝޯގެ ފުރަތަމަ އެޕިސޯޑަށް އަންނަނީ އެކަންޏެވެ. މިއީ އޭނާ މި ޝޯއަށް އެކަނި މެހެމާނެއްގެ ގޮތުގައި އަންނަ ފުރަތަމަ ފަހަރު ނޫން ނަމަވެސް ފައިނަލް ސީޒަންގެ ފުރަތަމަ މެހެމާންގެ ގޮތުގައި އޭނާ ފެނިގެން ދިއުމަކީ ބެލުންތެރިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

ކަރަން ވަނީ މި ޝޯ ފެށިގެން އައިގޮތާއި، އޭނާގެ ބައްޕަ ޔަޝް ޖޯހަރު އާއެކު ދެއްކި ވާހަކަތައް ހަނދާން އާ ކޮށްފަ އެވެ. އެއާއެކު މި ޝޯއިން މީހުންގެ ކެރިއަރަށް އައި ބަދަލުތަކާއި، ލޯބިވެރިންނާއި، ކުރީގެ ލޯބިވެރިން އަދި "ނެޕޮޓިޒަމް"ގެ ވާހަކަތަކާ ގުޅޭގޮތުން ވެސް އޭނާ ވާހަކަ ދައްކާފައިވެ އެވެ.

"ކޮފީ ވިތު ކަރަން" ސީޒަން 9 ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 14 ވަނަ ދުވަހު ޖިއޯހޮޓްސްޓާގަ އެވެ. ފުރަތަމަ އެޕިސޯޑުގައި ސަލްމާން ފެނިގެންދާއިރު، ކުރިއަށް އޮތް އެޕިސޯޑުތަކުގައި ބައިވެރިވާނެ އިތުރު ތަރިންގެ ނަންތައް އަދި ރަސްމީކޮށް ހާމަ ކޮށްފައެއް ނުވެ އެވެ.

އެހެން ނަމަވެސް ޝާހްރުކް ޚާން، އާމިރު ޚާން، ކަރީނާ ކަޕޫރު، ސައިފް އަލީ ޚާން ފަދަ ތަރިންގެ ނަންތައް މީޑިއާ ރިޕޯޓުތަކުގައި ފެތުރެމުންދެ އެވެ.