އުފާވެރި އަދި ދެމެހެއްޓެނިވި ލޯބީގެ ގުޅުމެއް ބިނާވެފައި އަންނަނީ ދެ މީހުންގެ މެދުގައި އޮންނަ ލޯތްބާއި، އިހްތިރާމާއި، އަދި އެކަކު އަނެކަކުގެ އަގު ވަޒަން ކުރުމުގެ މައްޗަށެވެ.

ނަމަވެސް، ލޯބީގެ ގުޅުމެއްގައި އެއްފަރާތަކުން އެކަނި މާބޮޑަށް މަސައްކަތްކޮށް، އަނެއް ފަރާތުން އެކަމަށް އެއްވެސް މިންވަރަކަށް ޝުކުރުވެރިނުވެ ނުވަތަ އަގު ވަޒަން ނުކުރާނަމަ އެއީ ނަފްސާނީ ގޮތުން އަނެކާއަށް ނުހަނު އަސަރުކުރާ ކަމެކެވެ.

ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި ގުޅުމެއްގައި ތިމާގެ މަސައްކަތްތަކާއި ހުދު އަމިއްލަ ނަފްސުގެ އަގު ނުވަތަ ގަދަރު ނުލިބޭކަން އަންގައިދޭ މައިގަނޑު 5 ނިޝާނެއްވެ އެވެ.

1. ކުރާ މަސައްކަތްތަކަށް ޝުކުރުވެރިވުމުގެ ބަދަލުގައި، އެއީ "މަޖުބޫރު" ކަމަށް ދެކުން

ގުޅުމެއްގައި ތިމާ ކުރާ ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާ ހަމައަށް، އެއްވެސް ޝުކުރެއް ނެތި ހަމައެކަނި އެކަންކަން ވާންޖެހޭނެ ކަމަށް ދެކުމަކީ ނުރައްކާތެރި ނިޝާނެކެވެ.

ތިމާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަން ޔަގީންވެ، އެކަމަށް އެއްވެސް ވަރަކަށް ޝުކުރުގެ ބަހެއް ނުބުނާނަމަ، އެއީ ގުޅުން އެއްފަރާތަކަށް ބުރަވެފައިވާ ކަމުގެ ފުރަތަމަ ހެއްކެވެ.

2. ތިމާގެ ބޭނުންތަކާއި ޝުއޫރުތަކަށް އިސްކަން ނުދިނުން

ދެމީހުންގެ ގުޅުމެއްގައި ކޮންމެ މީހެއްގެވެސް ނަފްސާނީ އަދިޖިސްމާނީ ބޭނުންތަކެއް ހުންނާނެއެވެ. ނަމަވެސް، އަނެއް މީހާގެ ބޭނުންތަކަށް އެކަނި އިސްކަންދީ، ތިމާގެ ޝުއޫރުތަކާއި ބޭނުންތައް އަބަދުވެސް ފަސްކުރަންޖެހޭ ނަމަ ނުވަތަ އެކަންކަމަށް އަޅައިނުލާ ނަމަ، އެއީ ތިމާގެ އަގު ވަޒެނުކުރާކަމުގެ ނިޝާނެކެވެ.

3. ހުރިހާ މަސައްކަތެއް އެއްފަރާތަކުން އެކަނި އުފުލަން ޖެހުން

ގުޅުމެއްގެ ކަންކަން ރޭވުމާއި، މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމާއި، އަދި ގުޅުމުގެ މާހައުލު ހަމައަކަށް އެޅުވުމަށް އެކަކު އެކަނި މަސައްކަތް ކުރަން ޖެހުމަކީ ނަފްސާނީ ގޮތުން މީހާ ވަރުބަލިވާ ކަމެކެވެ. މިފަދަ ހާލަތްތަކުގައި އެހީތެރިކަން ހޯދަންޖެހޭ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުން ގުޅުމުގައި މާޔޫސްކަން ބޮޑުވެ އެވެ.

4. ކަންކަމުގައި ޒިންމާ ނުނަގައި އިލްޒާމް އެޅުވުން

ގުޅުމުގައި މައްސަލައެއް ދިމާވާއިރަށް ނުވަތަ ކަމެއް ގޯސްވާއިރަށް އަމިއްލައަށް އިސްނަގައިގެން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަން ޖެހެނީ ހަމައެކަނި އެއް ފަރާތަކުން ކަމަށް ވެފައި އަނެއް ފަރާތުން އެކަމަކާ މެދު އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމުގައިވާނަމަ، އެއީ ގުޅުމުގެ ޒިންމާ އެކުގައި އެއް ފަރާތަކުން އުފުލަން ޖެހިފައިވާ ކަމުގެ ނިޝާނެކެވެ.

5. ނަފްސާނީ ގޮތުން ވަރުބަލިވެ، ހިތްހަމަނުޖެހުން އުފެދުން

ގުޅުމެއްގައި ދެމެހެއްޓެނިވި ގޮތެއްގައި އަގު ނުލިބޭ ކަމަށްވާނަމަ، މަޑުމަޑުން އެ ގުޅުމަކުން އުފާވެރިކަމުގެ ބަދަލުގައި ލިބެނީ ނަފްސާނީ ވަރުބަލިކަމާއި މާޔޫސް ކަމެވެ. މިއީ ހިތުގައި ކުދިކުދި ޝަކުވާތަކާއި ރުޅިވެރިކަން އުފެދި، ފަހުން ގުޅުން މުޅިން ހަލާކުވެގެންދާ ސަބަބަކަށްވެސް ވެގެންދެ އެވެ.

މިކަމަށް އޮތް ހައްލަކީ ކޮބާ؟

މިފަދަ ހާލަތެއްގައި އުޅޭނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލަ ނަފްސަށް ތެދުވެރިވެ، މިކަމާ މެދު ބައިވެރިޔާއާ ސީދާ ވާހަކަ ދެއްކުމެވެ.

އެއާއެކު ތިމާގެ އަމިއްލަ ނަފްސުގެ ގަދަރާއި އަގު ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ "އިންތައް" ކަނޑައެޅުމަކީ ލޯބީގެ ގުޅުން ސަލާމަތް ކުރުމަށް ކޮންމެހެން ބޭނުން ކުރަންޖެހޭ މުހިންމު ފިޔަވަޅެކެވެ.