މިދުވަސްވަރު ރާއްޖޭގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެއްޖެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން އިން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުޅި ރާއްޖެއަށް ވައި ނުސާފުވާ ނެތީ ރައްކާތެރިވުމަށް އެދިފަ އެވެ.

މެޓް އޮފީހުން ބުނީ ހޭޒްގެ އަސަރު މިއަދު މުޅި ރާއްޖެއަށް ކުރަމުންދާ ކަމަށާއި ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްރަށަށް ދުރު ފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ. އަދި ހޭޒްގެ އަސަރު ކުރިޔަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.

ކޮންމެ އަހަރަކު ވެސް، އިރުވައި މޫސުމާއި ދިމާކޮށް ރާއްޖޭގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބުން ހޭޒްގެ އަސަރު ކުރެ އެވެ. ރާއްޖެއަށް މިކަން ދިމާވަނީ، އުތުރު އިންޑިއާ އާއި ހިމާލިޔާ ސަރަހައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.

ވައި ނުސާފުވުމަކީ، ނޭވާލާ ނިޒާމުގެ ބަލިތަކާއި ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކަށް އިންތިހާއަށް ނުރައްކާތެރި ކަމެކެވެ. މީގެ އިތުރުން، އާންމުކޮށް ސިއްޙަތު ރަނގަޅު މީހުން ވެސް ގިނަ ވަގުތު ބޭރުގައި އުޅޭނަމަ ކަރުތެރެ ހިރުވުމާއި، ނޭވާލާން އުނދަގޫވުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެ އެވެ. އެހެންކަމުން ކޮންމެހެން ދާންޖެހިގެން މެނުވީ ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި، ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ވެސް ސަމާލުވުމަށް ވަނީ އިރުޝާދު ދީފައިވެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވެސް ވަނީ، މިދުވަސްވަރު ރާއްޖޭގެ އަތޮޅުތަކަށް ހާއްސަކޮށް އުތުރާ މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހު ވެސް ދުންފުހުގެ އަސަރު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރުމާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފަ އެވެ.

ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރުމާއި، ފުއްޕާމެ އާއި ހިތުގެ ބަލިތައް އިތުރުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑުކަމާއި، ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެންމެން ވެސް ބޭރުގައި ކަސްރަތު ކުރުމާއި، ކުޅިވަރު ކުޅުން މަޑުޖައްސާލުމާއި، ބޭރުގައި އުޅޭއިރު އެން 95ގެ މާސްކު އެޅުމާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން ޕިޔުރިފަޔާ ބޭނުން ކުރަން އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ހޭޒްގެ އަސަރު ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާ އަށް ވެސް ކުރަމުން އެބަދެ އެވެ. އެ ގައުމުތަކުގައި ވެސް މި ނުރައްކާތެރި ހާލަތާ ގުޅިގެން ރައްޔިތުން ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.