މިއަދުގެ ދިރިއުޅުން ހަލަބޮލިވެ ދުވަހުގެ މަސައްކަތްތަކާއި ވިސްނުންތައް ގިނަވުމުގެ ސަބަބުން ސިކުނޑިއަށް ބާރުބޮޑުވުމަކީ (މެންޓަލް އޯވަލޯޑް) މިހާރު އާންމު މައްސަލައެކެވެ.

ސިކުނޑި ހަމައަކަށް އަޅުވައި، އުފާވެރިކަން ހޯދުމަށްޓަކައި އަންނަނިވި މައިންޑްފުލްނެސްގެ 8 އާދަ ދިރިއުޅުމުގެ ތެރެއަށް އިތުރު ކޮށްލެވިދާނެ އެވެ.

ކާގަޑީގައި ފޯނު ދުރު ކޮށްލުން

ކާގަޑިއަކީ ސްކްރީންތަކާ ދުރު ވަގުތަކަށް ހަދާށެވެ. ފޯނު ބެލުމެއް ނެތި، ކުރިމަތީގައި ހުރި ކާނާއަށް ސަމާލުކަން ދީގެން ކެއުމުން ސިކުނޑިއަށް އަރާމު ލިބި، ދުވަހުގެ މަސައްކަތްތަކުން ކުޑަ މެދުކެނޑުމެއް ލިބިގެންދެ އެވެ.

2 މިނެޓަށްވުރެ ކުރު މަސައްކަތްތައް ވަގުތުން ނިންމާލުން

ދެ މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި ކުރެވޭނެ ކުދިކުދި ކަންކަން ފަސްނުކޮށް ވަގުތުން ކޮށް ނިންމާލާށެވެ. މިއީ ސިކުނޑީގައި ހުންނަ ނުނިމި ހުރި ކަންކަމުގެ ބާރު ކުޑަ ކޮށްދޭނެ ކަމެކެވެ.

އިހުސާސްތަކަށް ނަމެއް ދިނުން

ހިތްހަމަނުޖެހޭ ނުވަތަ ދެރަވާ ކަމެއް ދިމާވުމުން، އެކަމާ މެދު މާބޮޑަށް ވިސްނައި ވާހަކަތައް އުފެއްދުމުގެ ކުރިން، އަމިއްލަ އިހުސާސަކީ ކޮބައިކަން (މިސާލަކަށް: ރުޅި، ދެރަ، ނުވަތަ ފިކުރުބޮޑުވުން) ވަކިކޮށްލާށެވެ. މިއީ އިހުސާސްތައް ކަންތައްތަކާ ދުރުކޮށް، ހަމަޖެހިގެން ވިސްނުމަށް އެހީވެދޭނެ ކަމެކެވެ.

ދުވަސް ފަށާއިރު ހަމަޖެހިލުން

ހޭލާ ގޮތަށް ފޯނަށް ބެލުމުގެ ބަދަލުގައި، ދުވަސް ފަށާއިރު އަމިއްލަ ނަފްސަށް ކުޑަ ވަގުތުކޮޅެއް ދޭށެވެ. ޝުކުރުވެރިވުމުގެ ވިސްނުމަކާއެކު ދުވަސް ފެށުމުން މުޅި ދުވަހު ސިކުނޑި ހަމަޖެހިފައި ހުރުމަށް މަގުފަހިވެ އެވެ.

ނިންމުންތައް ނިންމާއިރު ހިތުގެ އިހުސާސްތަކަށް ބެލުން

ކަންކަމުގައި ގޮތް ނިންމާއިރު ހަމައެކަނި މަންތިގީ (ލޮޖިކަލް) ވިސްނުމަށް ބެލުމުގެ ބަދަލުގައި، އަމިއްލަ ހަށިގަނޑާއި ހިތަށް ކުރެވޭ އިހުސާސަށް ސަމާލުވާށެވެ. ޝައްކު އުފެދޭ ކަންކަމުގައި އަމިއްލަ ނަފްސަށް އަރާމުތޯ ނުވަތަ ނޫންތޯ ބަލައިލުމަކީ ނުބައި ނިންމުންތަކުން ރައްކާތެރި ކޮށްދޭނެ ކަމެކެވެ.

ރޭގަނޑު 9:00 ގެ ފަހުން މަސައްކަތްތައް ހުއްޓާލުން

ރޭގަނޑު ގަޑީގައި ސިކުނޑި ވަރުބަލިވެފައި ހުންނައިރު މައްސަލަތައް ހައްލު ކުރަން އުޅުމުން ކަންކަން މާ ބޮޑުކޮށް ފެންނާނެ އެވެ. ރޭގަނޑު 9:00 ގެ ފަހުން މަސައްކަތުގެ ވިސްނުންތަކުން ދުރުވެ، ސިކުނޑިއަށް އަރާމު ދިނުމަށް އިސްކަން ދޭށެވެ.

އެކި އިހުސާސްތައް އެކު އެކީގައި ގަބޫލުކުރުން

އެއްވަގުތެއްގައި އެކި ކަހަލަ އިހުސާސްތައް ހުރުމަކީ ތަބީއީ ކަމެކެވެ. އުފާވެފައި ހުރެމެ ކަންބޮޑުވުމެއް ހުރެދާނެ އެވެ. ނުވަތަ ޝުކުރުވެރިވާ ހާލުވެސް ދިރިއުޅުން އިތުރަށް ރަނގަޅު ކުރަން ބޭނުން ވެދާނެ އެވެ. އެކި އިހުސާސްތައް އެކު އެކީގައި ކުރެވޭނެކަން ގަބޫލު ކުރުމަކީ އަމިއްލަ ނަފްސަށް އޯގާތެރިވުމަށް އެހީވާ ކަމެކެވެ.

ކުރެވޭ ކަންކަމަށް ސަމާލުކަން ދިނުން

ދުވަހުގެ ތެރޭގައި ކުރާ ކުދިކުދި ކަންކަމުގައި (މިސާލަކަށް ހިނގާއިރު، ނުވަތަ ސައިބޯއިރު) އެ ކުރާ ކަމަކަށް ފުރިހަމައަށް ސަމާލުކަން ދޭށެވެ. މިއީ މާޒީގެ ފިކުރުތަކާއި މުސްތަގުބަލުގެ ކަންބޮޑުވުންތަކުން ދުރުވެ، އަދުގެ ވަގުތުގައި އުފަލުގައި ހުރުމަށް މަގުފަހިކޮށްދޭނެ މައިންޑްފުލްނެސްގެ މުހިންމު އާދަ އެކެވެ.