ޕެކެޓްކޮށްފައި ހުންނަ ކާބޯތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ބޭނުންކުރާ "ޕްރިޒަވޭޓިވްސް"އާއި އެކި ކަހަލަ ކެމިކަލްތަކުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

މި ދިރާސާއިން ސާފުވާ ގޮތުގައި، ކާނާގައި ހުންނަ ކެމިކަލް މާއްދާތަކަކީ ހަމައެކަނި ބަނޑުގެ ސިއްހަތަށް އަސަރުކުރާ އެއްޗެއް ނޫނެވެ. މިއީ ހިތާއި ލޭ ދައުރުވުމުރވ ނިޒާމަށްވެސް ސީދާ ނޭދެވޭ އަސަރުތަކެއް ކުރާ ކަންކަމެވެ.

ޕެކެޓްކުރި ކާނާ ގިނަ ދުވަހު ބެހެއްޓުމަށާއި، ރަހައާއި ކުލަ ރީތިކުރުމަށް ބޭނުންކުރާ ކެމިކަލްތަކުގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން (ދުޅަވުން) އުފެދެ އެވެ.

މިފަދަ ކެމިކަލްތައް ގިނައިން އެކުލެވޭ ކާނާ ގަވާއިދުން ބޭނުންކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއިން ދައްކަ އެވެ.

މީގެ އިތުރުން، މި ކެމިކަލްތަކުގެ ސަބަބުން ބަނޑުގައިވާ ފައިދާހުރި ޖަރާސީމުތަކުގެ ބެލެންސް ގެއްލި ލޭގެ ޕްރެޝަރު މަތިވުމަށް މަގުފަހިވެ އެވެ. އާންމުކޮށް މިފަދަ ނުރައްކާތެރި ޕްރިޒަވޭޓިވްސް ގިނައިން ހުންނަނީ އަލްޓްރާ - ޕްރޮސެސްޑް ކާނާގަ އެވެ.

ޕެކެޓްކޮށްފައި ހުންނަ ބިސްކޯދާއި، ޗިޕްސް، ކޭކު، އަދި އިންސްޓަންޓް ނޫޑްލްސްއާއި ތައްޔާރީ ސޯސްތަކުގައި މިފަދަ މާއްދާތައް ގިނަ އެވެ. އެއާއެކު ޕެކެޓްކުރި ސޮސެޖް، ނަގެޓްސް، ޕްރޮސެސްޑް މީޓް، ސޯޑާ އަދި ކުލަޖައްސާފައިވާ ޕެކެޓް ޖޫހަކީވެސް މީގެ ނުރައްކާ ބޮޑު ބާވަތްތަކެވެ.

ރައްކާތެރިވުމަށް ސިއްހީ މާހިރުންގެ އިރުޝާދު

ވީހާވެސް ބޮޑަކަށް ގުދުރަތީ، ތާޒާ މޭވާއާއި ތަރުކާރީ އަދި ގޭގައި ކައްކާ ކާނާ ބޭނުންކުރުމަށް އިސްކަން ދޭންޖެހެ އެވެ. ބާޒާރުން ތަކެތި ގަންނައިރު، އޭގައި އެކުލެވޭ މާއްދާތަކުގެ ތެރޭގައި ނޭނގޭ ކެމިކަލް ނަންތައް ގިނައިން ހުންނަނަމަ އެއިން ދުރުހެލިވުން މުހިންމެވެ. ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ޕެކެޓްކުރި ތަކެތި ކެއުމުގެ ބަދަލުގައި އާދައިގެ ސާދާ ތާޒާ ކާނާއަށް އިސްކަން ދިނުމަށެވެ.