ރާއްޖޭގައި ވިއްކަން ހުންނަ ގިނަ ކާބޯތަކެތީގެ ސިއްހީ ފައިދާތައް އިލްމީ ގޮތުން ކަށަވަރުކުރެވިފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ. މިކަމާ ގުޅިގެން ރައްޔިތުން އިތުރަށް ސަމާލުވުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގައި އުފައްދާ އަދި ވިއްކާ ބައެއް ބާވަތްތައް އިޝްތިހާރުކުރާއިރު، ސިއްހީ އެތައް މަންފާއެއް ލިބޭކަން ދޭހަވާ ގޮތަށް ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓްރީތަކުން ދޫކޮށްފައިވާ ރިޕޯޓުތައް ބޭނުންކުރެވޭކަން ވަނީ ފާހަގަކުރެވިފަ އެވެ. ނަމަވެސް، އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތި އިޝްތިހާރުކުރާއިރު ލެބޯޓްރީއަކުން ދޫކޮށްފައިވާ ރިޕޯޓެއް ނޫނީ ލިޔުމެއް ބޭނުންކުރުމަކީ ގަވައިދުން މަނާކަމެއް ކަމަށެވެ.
ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ އިންސާނާގެ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އުފެއްދުންތައް މާކެޓުނުކުރުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވަނީ، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް އެދެވޭ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދާ އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ މައުލޫމާތަކީ އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހެ އެވެ. ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ހުންނަ މި ފަދަ ގިނަ އުފެއްދުންތަކަކީ އޭގެ ސިއްހީ ފައިދާ އިލްމީ ގޮތުން ކަށަވަރުކުރެވިފައިވާ ތަކެތި ނޫންކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އެމްއެފްޑީއޭއިން ވަނީ މިފަދަ އުފެއްދުންތައް ބޭނުންކުރާއިރު އިތުރަށް ސަމާލުކަން ދިނުމަށް އާންމުކޮށް އިލްތިމާސްކޮށްފަ އެވެ. މިގޮތުން، ކާބޯތަކެއްޗާ ބެހޭ ގޮތުން ދެވޭ ސިއްހީ މައުލޫމާތުގެ ތެދުކަން ޔަގީންކުރުމަށްފަހު އެފަދަ އުފެއްދުންތައް ބޭނުންކުރުމަކީ މުހިންމު ކަމެއްކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފަ އެވެ.
އައްޑޫ ކައިރިއަށް 5.2ގެ ބިންހެލުމެއް: ނުރައްކަލެއް ނެތް
ކުރީގެ ރައުޓަރު މުޅިން ހިލޭ އަޕްގްރޭޑް ކުރުމުގެ ފުރުސަތު ދިރާގުން