އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏަށް ދައްކަން ޖެހޭ 11 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއްފަހަރާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައަކީ 2023 ވަނަ އަހަރު ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި ފައިސާ ދެއްކުމާ ގުޅޭގޮތުން ދެ ކުންފުނީގެ މެދުގައި މިއަހަރުގެ ތެރޭގައި ތިން ސެޓްލްމަންޓް އެއްބަސްވުމެއް ހެދުނު ނަމަވެސް، އާރުޑީސީން އެ އެއްބަސްވުންތަކާ އެއްގޮތަށް ފައިސާ ދައްކާފައެއް ނުވެ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި އާރުޑީސީން ވަނީ ލަކީ ގްލޯބަލްއަށް ފައިސާ ދައްކަންޖެހޭ ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެ ކުންފުނިން ކޯޓުގައި އެދުނެވެ.

ލަކީ ގްލޯބަލްއިން ވަނީ އާރުޑީސީން އެދުނު ލުއިތަކަށް އިއުތިރާޒުކޮށް، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ. ރާއްޖޭގެ މަދަނީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ދަރަނި އަދާކުރުމުގައި ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ލުއި ދެވޭނީ ފައިސާ ލިބެން ޖެހޭ ފަރާތުން އެކަމަށް އެއްބަސްވާނަމަ އެވެ.

ލަކީ ގްލޯބަލްއިން އެކަމަށް އެއްބަސްނުވުމާ ގުޅިގެން، ކޯޓުން ނިންމީ 11.7 މިލިއަން ރުފިޔާ އާރުޑީސީން އެއްފަހަރާ ދައްކަން ޖެހޭނެ ކަމަށެވެ. އާރުޑީސީއަކީ މާލީގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާފައިވާ ކުންފުންޏަކަށް ވާއިރު، ސަރުކާރުން މިހާރު ވަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އެ ކުންފުނި އުވާލައި، އެމްޓީސީސީގެ ދަށަށް އެ ކުންފުނީގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމާފަ އެވެ.