ސައުދީ އަރަބިއްޔާއަށް އަމާޒުކޮށްދިން ނުރައްކާތެރި ހަމަލާތަކަކަށްފަހު، ޔަމަނުގެ ހޫތީންނާއި ސައޫދީއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އީރާނުން ހުށަހަޅައިފި އެވެ. އީރާނުން އިންޒާރު ދީފައިވަނީ ސަރަހައްދީ ހަމަނުޖެހުންތަކަށް އަސްކަރީ ހައްލެއް ނެތް ކަމަށެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މި ހުށަހެޅުން ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާނަށް ހުށަހެޅުއްވީ އޮކްޓޫބަރު 11 ވަނަ ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އަރަގްޗީގެ ޓެލެގްރާމް ޗެނަލްގައި ޝާއިރުކުރި ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ހައްލަކަށް ފުރުސަތު ނުދީ ހަމައެކަނި އަސްކަރީ ބާރުގެ ބޭނުންކުރުމަކީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށެވެ. އަދި ދެފަރާތުގެ މެދުގައި މަޝްވަރާތައް ފެށުމަށް ބޭނުންވާ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އީރާނުން އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސައުދީ ސަރުކާރުން ދެ ގައުމުގެ ހާރިޖީ ވަޒީރުން ވާހަކަދެއްކެވިކަން ކަށަވަރުކޮށްދިން ނަމަވެސް، އީރާނުން ހުށަހެޅި ކަމަށް ބުނާ މެދުވެރިއެއްގެ ދައުރާ ބެހޭގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ އެމެރިކާއާއި އިޒްރޭލުން އީރާނާއެކު ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން ގަލްފު ގައުމަކަށް ދިން އެންމެ ވަރުގަދަ ހަމަލާގެ އެއް ދުވަސް ފަހުންނެވެ.
އޮކްޓޫބަރު 10 ވަނަ ދުވަހު ރިޔާޟްގެ އެއާޕޯޓަށް ހޫތީން ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަހަމްވި އެވެ. މީގެ ރައްދުގައި ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ވަނީ ހޫތީންގެ ކޮންޓްރޯލް އޮންނަ ސަންއާގެ އެއާޕޯޓަށް ހަމަލާތަކެއް ދީފަ އެވެ. ހޫތީން ބުނާ ގޮތުގައި ސަންއާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކު ވެސް ވަނީ މަރުވެފަ އެވެ.
ސައުދީން މި ވާހަކަތަކަށް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް، އޮކްޓޫބަރު 11 ވަނަ ދުވަހުވެސް ރިޔާޟް އެއާޕޯޓަށް ހޫތީން ހަމަލާދިން ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އަދި ސައުދީއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކާއި މިސައިލްތަކެއް ކޯލިޝަން ފައުޖުތަކުން ނައްތާލާފައިވާ ކަމަށް ސައުދީގެ ދައުލަތުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.
ސައުދީއާއި ހޫތީންގެ މެދުގައި އޮތް ހަމަނުޖެހުން އިތުރަށް ގޯސްވެފައިވަނީ ސެޕްޓެމްބަރު މަހު ޔަމަނުގެ ރަތް ކަނޑުގެ އައްސޭރިފަށުގެ ސަރަހައްދުތައް ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރިއާއި ސައުދީގެ ތެޔޮ އެކްސްޕޯޓް ކުރުމުގައި ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ.
ސައުދީގެ އެހީތެރިކަމާއެކު ހިންގާ ޔަމަނުގެ ސަރުކާރާއި ހޫތީންނާ ދެމެދު ހަނގުރާމަ ހިނގަމުންދާތާ 2014 އިން ފެށިގެން ގިނަ ދުވަސްތަކެއް ވެފައިވާއިރު، 2022 ވަނަ އަހަރު ގާއިމުކުރި ވަގުތީ ސުލްހަ މިހާރު ވަނީ އުވިފަ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ގަލްފު ސަރަހައްދުގެ އިގްތިސާދަށްވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކުރަން ފަށާފަ އެވެ.
މި މަސްރަހުގައި އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެ، އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބިރު އޮތްއިރު، އީރާނުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މުހްސިން ރޭޒާއީ ވަނީ، ހަނގުރާމަ އަލުން ފެށިއްޖެނަމަ ގަލްފުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާއާއި ޑޭޓާ ސެންޓަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ހޫތީންނަކީ އީރާނާ ގުޅިފައިވާ "އެކްސިސް އޮފް ރެސިސްޓެންސް" ގެ ބައެއް ކަމުގައި ވިޔަސް، މާހިރުން ފާހަގަކުރާ ގޮތުގައި ހޫތީންނަކީ އީރާނުގެ އެހީތެރިކަން ލިބުނު ނަމަވެސް، އަމިއްލަ މިނިވަން ނިންމުންތައް ނިންމާ އަދި އީރާނުގެ މަސްލަހަތާ ތަފާތު އަމާޒުތަކެއް ގެންގުޅޭ ބައެކެވެ.
ކޮޑެގަލާގައި 20 ކޮޓަރީގެ ރިސޯޓެއް ހުޅުވައިފި
ނާސްތާ ކުރުމުގެ އާދަތަކުން ނަފްސާނީ ސިއްހަތު އަންގައިދޭ ގޮތް!
ފުއްގިރި މައްސަލައިގެ ހުލާސާ ބަޔާން އިއްވުން މާދަމާ
