ކޮންމެ އަހަރެއްގެ އޮކްޓޫބަރު 10 ވަނަ ދުވަހަކީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ ދަނީ ނަފްސާނީ ދުޅަހެޔޮކަމުގެ ކޮންމެ ވެސް ޝިއާރެއްގެ މައްޗަށް ބިނާކޮށެވެ. މިގޮތުން، މިއަހަރުގެ ޝިއާރަކީ "ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" އެވެ. މި ޝިއާރަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލު ކޮށްފައިވާ ފަރާތްތަކުން ލިބިފައިވާ ތަޖުރިބާ އާ ކުރިމަތިވެފައިވާ ގޮންޖެހުންތައް އަޑުއަހައި، އެފަރާތްތަކުގެ ތަޖުރިބާ ބަލައިގަތުމަށް ލިބޭ ހިތްވަރެކެވެ.

މި ތަޖުރިބާތަކުގެ އަލީގައި ނަފްސާނީ ދުޅަހެޔޮ ކަމުގެ ސިޔާސަތުތަކާއި، ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އެހީތެރިވެދޭނެ އެވެ. އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކަށް ވެސް ނުހަނު މުހިންމު ޝިއާރެކެވެ. އެހެނީ، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލު ކޮށްފައިވާ ފަރާތްތަކުން ލިބިގެންދާ މި މުހިންމު މައުލޫމާތުގެ މައްޗަށް ބިނާކޮށް، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހިދުމަތްތައް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ވެސް ފުޅާވެގެން ދިއުމަށް މަގުފަހިވެގެން ދިއުމަށް އެހީތެރި ވެދޭނެތީ އެވެ.

ހިޕްނޮތެރަޕީ ދެނީ ކިހިނެއް؟

ބައެއް މީހުން ދެކޭ ގޮތުގައި، ތިބާގެ ނަފުސުގެ ކޮންޓްރޯލް ކުރުމުގެ ބާރު ހިޕްނޮތެރަޕިސްޓުންނަށް ލިބެ އެވެ. ނަމަވެސް، ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގައި ކުލިނިކަލް ހިޕްނޮތެރަޕީ ދޭ ގޮތް ތަފާތެވެ. މިތެރަޕީއަކީ ތަމްރީން ލިބިފައިވާ ހިޕްނޮތެރަޕިސްޓެއްގެ އެހީތެރިކަމާ އެކީގައި ކުރިއަށް ގެންދެވޭ ތެރަޕީއެކެވެ. އަދި، މިއީ ނަފްސާނީ ދުޅަހެޔޮކަމުގެ އެކި އެކި ފަރުވާ ދިނުމުގައި އެހީތެރިވެދޭ ގައިޑެޑް ރިލެކްސޭޝަން ތެރަޕީއެކެވެ. އެހެންކަމުން، ތެރަޕިސްޓް މަސައްކަތް ކުރަމުންދާނީ ގައިޑެއްގެ ގޮތުގައި މަގުދައްކައިދީ، ކްލައެންޓަކާއި ގުޅިގެން ފަރުވާ ކުރިއަށް ގެންދިނުމަށެވެ.

ހަމައެއާއެކު، އިމޭޖަރީ އާއި ވިޝުއަލައިޒޭޝަން ފަދަ ޓެކްނިކްތައް ބޭނުންކޮށްގެން އެހީއަށް އެދޭ ފަރާތްތަކުގެ ވިސްނުމާއި އިޙުސާސްތައް، ހަރުދަނާ ގޮތެއްގައި ދެނެގަތުމުގައި އެހީތެރިވެދެ އެވެ. އެހެންކަމުން، ހިޕްނޮތެރަޕީ އަކީ ނަފްސާނީ ދުޅަހެޔޮ ކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި އެހީތެރިވެދޭ ތެރަޕީއެކެވެ. އެކިއެކި އިލްމީ ދިރާސާއަކުން ވެސް ހިޕްނޮތެރަޕީއިން ނަފްސާނީ ދުޅަހެޔޮކަމުގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭކަން ހާމަވެ އެވެ.

ސްޓްރެސް އާއި އެންޒައިޓީގެ އިތުރުން ހިޕްނޮތެރަޕީގެ އެހީގައި އެކި ކަހަލަ ފޯބިއާ ނުވަތަ ބިރުގަތުންތަކަށް ހައްލު ހޯދައިދިނުމާއި، ބަރުދަން މެނޭޖްކުރުމަށާއި، ތަދު މެނޭޖްކުރުމާއި، ނިދުމުގެ މައްސަލަތަކަށް ވެސް އެހީތެރި ވެދެ އެވެ. މި ލިޔުމުގައި ދެން ހިމަނާލާނީ "11-7 ބްރީތިން" ހަދާނެ ގޮތެވެ.

ސްޓްރެސް އާއި އެންޒައިޓީ މެނޭޖްކުރުން

އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތައުއަށް ބަލައިލި ކަމުގައި ވިޔަސް ސްޓްރެސް އާއި އެންޒައިޓީ އަކީ ވަރަށް ގިނަ މީހުން ތަހައްމަލު ކުރަމުންދާ ކަމެކެވެ. އާންމު ދިރިއުޅުމުގައި ސްޓްރެސް އާއި އެންޒައިޓީ މެނޭޖް ކުރުމަށް "11-7 ބްރީތިން" ހެދިދާނެ އެވެ. މިގޮތަށް ނޭވާލުމަށް ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާގައި "ޑައިފްރަމެޓިކް ބްރީތިން" ނުވަތަ "ބްރެތްވޯކް"އޭ ކިޔަ އެވެ. މިގޮތަށް ނޭވާލާއިރު، އާންމުކޮށް އަހަރެމެން ނޭވާލާ ގޮތާ ޚިލާފަށް، ލަސްލަހުން އެތެރެއަށް ނޭވާލާށެވެ. އަދި، މިނޭވާލުމުގެ ކަސްރަތަށް ދުވާލަކު ދިހަ މިނެޓް ކަނޑައަޅާށެވެ.

"11-7 ބްރީތިން" ހަދާނެ ގޮތް

  1. ތަނެއްގައި ހަމަޖެހިލައިނގެން އިށީންނާށެވެ. ނޫނީ އޮށޯވެލާށެވެ.
  2. މަޑުމަޑުން ދެލޯ މަރާލުމަށް ފަހު ހަށިގަނޑަށް ލުޔެއް ދިނުމުގެ ގޮތުން ފުން ނޭވާކޮޅެއް ލާށެވެ.
  3. 7 ސިކުންތަށް (ހިތުން ގުނަމުން) ނޭފަތުން (އަނގަ ނުހުޅުވާ) އެތެއަށް ނޭވާލާށެވެ.
  4. ހިނދުކޮޅަކަށް ނޭވާ ހިފަހައްޓާލާށެވެ.
  5. އެއަށްފަހު، 11 ސިކުންތަށް (ހިތުން ގުނަމުން) މަޑުމަޑުން ބޭރަށް އެއްކޮށް ނޭވާ ލާށެވެ.
  6. ސްޓްރެސް ރެސްޕޮންސް ދައްވަން ދެން މިގޮތަށް ތަކުރާރު ކުރާށެވެ.

މިއީ ވަކި ފަރުދެއްގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތާ ގުޅިގެން ދީފައިވާ ލަފައެއް ނޫނެވެ. ހިޕްނޮތެރަޕީގެ ހިދުމަތް ބޭނުންވާ ނަމަ، ކާމްތެރަޕީ އެމްވީއަކީ ތެރަޕީގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތެކެވެ.

އެޑިޓަރުގެ ނޯޓް: މި އާޓިކަލް ލިޔުއްވި އާމިނަތު ލައިލާއަކީ ސެޓިފައިޑް ކްލިނިކަލް ހިޕްނޮތެރަޕިސްޓެކެވެ.