އޭޑީކޭ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ޑރ. އަދީލް ޝަރީފް އައްޔަންކޮށްފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ޑރ. އަދީލް ޑީއެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހު އެވެ. މިއީ ހޮސްޕިޓަލުގެ މުސްތަގުބަލަށް އީޖާދީ ބަދަލުތަކެއް ގެނައުމަށްޓަކައި ލީޑަޝިޕަށް ގެނައި މުހިންމު ބަދަލެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޑރ. އަދީލް ވަނީ ޗައިނާގެ ޑާލިއަން މެޑިކަލް ޔުނިވާސިޓީން އެމްބީބީއެސް ފުރިހަމަކުރެއްވުމަށްފަހު، އޭޑީކޭގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްއިން ގްލޯބަލް ހެލްތު އަދި ހެލްތު ލީޑަޝިޕް އެންޑް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ހާސިލުކުރެއްވި އެވެ. ތައުލީމީ ގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯއްދަވާފައިވާ ޑރ. އަދީލް ވަނީ 2024 ވަނަ އަހަރު އޮސްޓްރޭލިއަން ފައިނޭންޝަލް ރިވިއުގެ ޓޮޕް 100 ފިއުޗާ ލީޑަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންފަ އެވެ.

ފާއިތުވި ދެ އަހަރު އޭޑީކޭގެ ޑިރެކްޓާ އޮފް ސްޓްރެޓެޖީ އެންޑް އިނޮވޭޝަންގެ މަގާމު ފުރުއްވި ޑރ. އަދީލް ވަނީ ހޮސްޕިޓަލުގެ ޑިޖިޓަލް ބަދަލުތަކާއި ބޮޑެތި ޕްރޮޖެކްޓްތައް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފަ އެވެ. މީގެއިތުރުން އޭނާއަކީ އެ ހޮސްޕިޓަލުގެ ހައިޕަބެރިކް ޓްރީޓްމަންޓް ޔުނިޓުގެ ޑައިވް މެޑިސިން އަދި ހައިޕަބެރިކް ފިޒީޝަނެއް ވެސް މެ އެވެ.

އައު މަގާމާއެކު، ހޮސްޕިޓަލުގެ ސްޓްރެޓެޖިކް ކަންކަމުގެ އިތުރުން ކްލިނިކަލް އަދި އޮޕަރޭޝަނަލް ކަންކަން ހިންގުމުގެ ޒިންމާވެސް ޑރ. އަދީލް ނަންގަވާނެ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވަނީ ޑރ. އަދީލްގެ ހުނަރާއި ތައުލީމާއި ލީޑަޝިޕަށް ފުރިހަމައަށް އިތުބާރު ކުރައްވާކަން ހާމަކުރައްވައި، އައު މަގާމުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.