އެމެރިކާ އިން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަދެއްޖެނަމަ، ވަރުގަދަ އަދި ހިތްދަތި ރައްދެއް ދޭނެ ކަމުގެ އިންޒާރު ހޫތީންގެ އިސް އޮފިޝަލަކު ދެއްވައިފި އެވެ. އޮކްޓޯބަރު 12 ވަނަ ދުވަހު ހޫތީން މި އިންޒާރު ދީފައިވަނީ، ހޫތީންގެ ހަމަލާތަކާ ކުރިމަތިލުމުގައި ވޮޝިންޓަންގެ އެހީތެރިކަމަށް ސައުދީ އަރަބިއްޔާއިން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ތާއީދުލިބޭ ހޫތީންނާއި، ސައުދީ އިސްވެ އޮންނަ އަސްކަރީ އިއްތިހާދުން ވާގިވެރިވާ ޔަމަނުގެ ސަރުކާރާ ދެމެދު ހިނގަމުންދާ ދާހިލީ ހަނގުރާމަ އަލުން ވަރުގަދަވެފައިވަނީ މިދިޔަ ޖުލައި މަހު އެވެ. މިއީ މުޅި ސަރަހައްދަށް ފެތުރިފައިވާ ހަމަނުޖެހުންތަކުގެ ތެރެއިން، ހަކަތައިގެ ބާޒާރަށް ލޮޅުން އަރުވައި މެދުއިރުމަތި ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ދަނޑިވަޅެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އެކްސްޕޯޓަރު ކަމަށްވާ ސައުދީ އަރަބިއްޔާގެ ތެޔޮ ރިފައީނަރީތަކަށާއި، ތެޔޮ އުފުލާ ބޯޓުފަހަރުގެ އިތުރުން ދަތުރުފަތުރުގެ މަރުކަޒުތަކަށް ހޫތީން ވަނީ ހަމަލާތައް އަމާޒުކުރަން ފަށާފަ އެވެ. މީގެ ތެރޭގައި ރިޔާޟްގެ އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތައް ހިމެނެ އެވެ. އޮކްޓޯބަރު 12 ވީ ހޮނިހިރު ދުވަހުގެ ރޭ ވެސް ރިޔާޟްގެ މަތިން ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ސައުދީ އިއްތިހާދުން ބުނީ ހޫތީން ފޮނުވާލި މިސައިލެއް ގޮއްވާލާފައިވާ ކަމަށެވެ. ހޫތީން ބުނެފައިވަނީ އެއީ އަނެއްކާވެސް އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ކަމަށެވެ.
މީގެ އިތުރުން، ޔަމަނުގެ ބޯޑަރު ކައިރީގައިވާ ސައުދީގެ ދެކުނުގެ ސަރަހައްދުތަކަށް ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް އިއްތިހާދުން ފަހުން ވަނީ ހާމަކޮށްފަ އެވެ. އެކްސް މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިސްޓް ހޫތީ ހަނގުރާމަވެރިން ޚަމީސް މުޝައިތު ސިޓީއަށް އަމާޒުކޮށް ފޮނުވާލި ދެ މިސައިލް ނައްތާލާފައިވާ ކަމަށެވެ. ޚަމީސް މުޝައިތަކީ މީގެ ކުރިން ވެސް ސައުދީގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާތައް އަމާޒުވެފައިވާ ސިޓީއެކެވެ.
އޮކްޓޯބަރު 10 ވަނަ ދުވަހު ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި 13 މީހުން މަރުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ސައުދީން ދޭ ހަމަލާތަކުގައި ބައިވެރިވުމާ މެދު ވިސްނަވަމުންދާ ކަމަށެވެ. މީގެ ކުރިން ސައުދީން އެހީތެރިކަމަށް އެދުމުން ޓްރަމްޕް ވަނީ އެކަމަށް އިންކާރު ކުރައްވާފަ އެވެ. "ހޫތީންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ.
ހޫތީންގެ ސިޔާސީ މަޖިލީހުގެ މެންބަރު މުހައްމަދު އަލް ބުހައިތީ އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޔަމަނާ ދެކޮޅަށް ހިންގާ އުދުވާނުގައި އެމެރިކާ ބައިވެރިވެއްޖެނަމަ، އެއްވެސް ޖެހިލުމެއް ނެތި ރައްދު ދޭނެ ކަމަށެވެ. އަދި އެމެރިކާއާއި އެ ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތު އޮތް ހުރިހާ ތަނަކަށް ވަރަށް އަވަސް އަދި ހިތްދަތި ރައްދެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، ސައުދީގެ ތެޔޮ ފެސިލިޓީތަކާއި އެއާޕޯޓުތަކަކީ ހަމަލާދޭން ކަނޑައެޅިފައިވާ ތަންތަން ކަމަށްވާތީ، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ ތަންތަނާ ދުރަށް ދިއުމަށް ވެސް އޭނާ ވަނީ އިންޒާރު ދެއްވާފަ އެވެ.
ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އޮކްޓޯބަރު 10 ގައި ދިން ހަމަލާއަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ސައުދީ ފަސްގަނޑަށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. މި ހަމަލާގައި ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްވި އެވެ.
"ސީރިއަސް" ރައްދެއް
ބުހައިތީ ވިދާޅުވީ ސައުދީއަށް ހަމަލާދިނުމުގެ ބޭނުމަކީ، ރައްކާތެރިކަމުގައި ހުރެގެން ޔަމަނާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެކަން ވަލީއަހުދަށް އަންގައިދިނުން ކަމަށެވެ. ސައުދީގެ އެނާޖީ މިނިސްޓަރު ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ރިޔާޟްގައި ބޭއްވި ކޮންފަރެންސެއްގައި ވިދާޅުވީ، ފަހުގެ ހަމަލާތަކަކީ އެ ގައުމުގެ އުމްރާނީ ވަސީލަތްތަކާއި މުއައްސަސާތަކުގެ ވަރުގަދަކަން ވަޒަންކުރެވިގެންދިޔަ ކަމެއް ކަމަށެވެ. "މި ފަހުން ހިނގާދިޔަ ކަންތައްތަކީ ވަރަށް ސީރިއަސް ކަންތައްތަކެއް، އަދި އަހަރެމެންގެ ރައްދު ވެސް ވާންވާނީ އެހާމެ ސީރިއަސް ރައްދަކަށް،" އޭނާ ވިދާޅުވި އެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އޮކްޓޯބަރު 10 ގެ ހަމަލާ އެއާޕޯޓަށް އެރި ވަގުތު އުމްރާވެރިން އެއާޕޯޓުގެ ޑިޕާޗާ ލައުންޖްގައި މަޑުކޮށްގެން ތިއްބެވެ. އެ ވަގުތު ކުއްލިއަކަށް ގޮވުމެއް އިވި، އިމާރާތުގެ ބައިތައް ވެއްޓި އަލިފާން ރޯވާ މަންޒަރު ފެނެ އެވެ.
އޮކްޓޯބަރު 12 ވަނަ ދުވަހު ވެސް ރިޔާޟްގެ މަސްރަހު އޮތީ ނުތަނަވަސްކޮށެވެ. ސައުދީގެ ރަސްމީ މީޑިއާއިން ބުނި ގޮތުގައި އިއްތިހާދުގެ އަސްކަރިއްޔާއިން ދިޔައީ ޑްރޯން އަދި މިސައިލް ހަމަލާތަކަށް ރައްދު ދެމުންނެވެ. ހަމަލާއެއް ގޮއްވާލުމުގެ ކުރިން، ރިޔާޟްގައި ތިބި މީހުންގެ މޯބައިލް ފޯނުތަކަށް ވަނީ ވައިގެ ނުރައްކަލެއް އޮތް ކަމުގެ އިންޒާރު މެސެޖުތައް ފޮނުވާފަ އެވެ.
މި އިންޒާރުގެ ސަބަބުން އުޒްބެކިސްތާނުގެ ނެފްޗީ ފަރުގާނާ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ ސައުދީގެ އަލް ނަސްރު ބައްދަލުކުރަން އޮތް ފުޓުބޯޅަ މެޗު ފެށުން ވެސް ލަސްވި އެވެ. ފޯނު މެދުވެރިކޮށް އިންޒާރު ދޭ ނިޒާމު ރިޔާޟްގައި ބޭނުންކޮށްފައި މިވަނީ ގިނަ ދުވަސްތަކަކަށް ފަހުގަ އެވެ.
ރިސޯޓެއްގައި މޫދަށް އެރުނު ދެ ފަތުރުވެރިއަކު ގެނބިގެން ފަރުވާދެނީ
އުމުރުން 70ގެ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރަންވީ މިހާރު!
ޕީއެންސީއަށް ސޮއިނުކުރުމުން ސަފީރު ކަމުން ސަރީރު ވަކިކުރަނީ