އުމުރުން 30ގެ އަހަރުތަކަކީ ދިރިއުޅުމުގެ ގިނަ މަސްއޫލިއްޔަތުތަކަކާއި މަސައްކަތްތަކެއްގައި އަވަދިނެތި އުޅެންޖެހޭ ދުވަސްވަރެކެވެ.

ނަމަވެސް، ސިއްހީ މާހިރުންނާއި ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އުމުރުން 70 އަހަރުގެ ދުވަސްތަކުގައި ވަރުގަދަ، ދުޅަހެޔޮ އަދި އަމިއްލައަށް ކަންކަން ކުރެވޭފަދަ އާރުލާ ހަށިގަނޑެއްގައި ހުރުމަށްޓަކައި އެންމެ މުހިންމު ބިންގަލެއް އަޅައިދެނީ މި 30 ގެ އަހަރުތަކުގައި ބަހައްޓާ އާދަކާދަތަކުންނެވެ.

އުމުރުން ދުވަސްވުމުން ދިމާވާ ސިއްހީ މައްސަލަތަކުން ރައްކާތެރިވެ، ދުޅަހެޔޮކަން މަތީ ދެމިހުރުމަށްޓަކައި 30 ގެ އަހަރުތަކުން ފެށިގެން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއްވެ އެވެ.

1. މަސްތަކާއި ކަށިތައް ވަރުގަދަ ކުރުން

އުމުރުން ދުވަސްވަމުންދާ ވަރަކަށް ހަށިގަނޑުގެ މަސްތަކުގެ ބާރު ދާނީ ދެރަ ވަމުންނެވެ. 30ގެ އަހަރުތަކުގައި މަސްތަކާއި ކަށިތައް ވަރުގަދަ ކުރުމުގެ ކަސްރަތުތައް (ސްޓްރެންތު ޓްރެއިނިންގް) ކުރުމަކީ އުމުރުން 70 އަހަރުގައި އަމިއްލައަށް ގޮނޑިން ތެދުވުމާއި، ހިނގާބިނގާވެ އުޅުމުގެ ގާބިލުކަން ދަމަހައްޓައިދޭނެ ކަމެކެވެ. މީގެ އިތުރުން ފައިގެ ވަރުގަދަކަން ދެމެހެއްޓުމަކީ އުމުރުން ދުވަސްވުމުން ވެއްޓޭ ވެއްޓުންތަކުން ރައްކާތެރި ކޮށްދޭނެ ކަމެކެވެ.

2. ހިނގުމާއި ކާޑިއޯ ކަސްރަތު

ކޮންމެ ދުވަހަކުވެސް މަދުވެގެން 15 މިނެޓުގެ ހަލުވި ހިނގާލުމެއް ނުވަތަ ކާޑިއޯ ހަރަކާތެއްގައި ބައިވެރިވުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ވަރަށް މުހިންމު ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު 7,000 އެއްހާ ފިޔަވަޅު އެޅުމަކީ އުމުރުން ދުވަސްވާއިރު ހިތުގެ ބަލިތަކުންނާއި ޒުވާން އުމުރުގައި މަރުވުމުގެ ފުރުސަތު ކުޑަ ކޮށްދޭ ކަމެކެވެ.

3. އަރާމު ނިދި ހޯދުން

ގަވާއިދުން ފުރިހަމަ ނިދި ހޯދުމަކީ ހަމައެކަނި ވަގުތީ ވަރުބަލިކަން ފިލާ ކަމެއް ނޫނެވެ. 30 ގެ އަހަރުތަކުގައި ރަނގަޅު ނިދުމުގެ އާދަ ހިފެހެއްޓުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓައި، އުމުރުން ދުވަސްވުމުން ޖެހޭ ހަނދާން ނެތޭ ބަލި ފަދަ ކަންކަމުން ސިކުނޑި ރައްކާތެރިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

4. ސިއްހަތަށް ފައިދާހުރި ކާނާއާއި ބުއިންތައް

ޕްރޮސެސްކޮށްފައިވާ ކާނާއާއި ހަކުރުގެ މިންވަރު މަދުކޮށް، ފައިބަރާއި، ޕްރޮޓީން އަދި ތަރުކާރީއާއި މޭވާ ގިނައިން ކެއުމުގެ އާދަ 30ގެ އަހަރުތަކުގައި އަށަގަންނުވަން ޖެހެ އެވެ. އެއާއެކު ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމާއި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ދިގު މުއްދަތަކަށް ހަށިގަނޑުގެ ގުނަވަންތައް ރަނގަޅު ސިއްހަތެއްގައި ބެހެއްޓުމަށް އެހީވެދޭނެ ކަމެކެވެ.

5. އިޖުތިމާއީ ގުޅުންތަކާއި ސިކުނޑީގެ ދުޅަހެޔޮކަން

އުމުރުން ދުވަސްވާއިރު އެކަނިވެރިކަމުން ދުރުވެ، އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ޒުވާން އުމުރުގައި ރަނގަޅު އެކުވެރިންނާއި އިޖުތިމާއީ ގުޅުންތައް ބަދަހި ކޮށްގެންނެވެ. އިޖުތިމާއީ ގުޅުންތަކަކީ ނަފްސާނީ ދުޅަހެޔޮކަމާއި އުމުރު ދިގުވުމާ ސީދާ ގުޅުންހުރި ކަމެއްކަން ދިރާސާތަކުން ދައްކަ އެވެ.

އުމުރުން 70 އަހަރުގައި ވަރުގަދަ އަދި އަމިއްލަ ފައިމައްޗަށް ތެދުވެ އުޅެވޭފަދަ ސިއްހަތެއްގައި ހުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނާކަށް ނުޖެހެ އެވެ.

އެހެނެއްކަމަކު 30ގެ އަހަރުތަކުގައި ކޮންމެ ދުވަހަކުވެސް ނެގޭ ކުދިކުދި އެދެވޭ ފިޔަވަޅުތަކުން، ފަހުގެ އުމުރުގައި ބޮޑު ސިއްހީ ފައިދާއެއް ލިބިގެންދާނެ އެވެ.