ރާއްޖޭގެ މެދުތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހެނދުނު ރީނދޫ އެލާޓް (ޔެލޯ އެލާޓް) ނެރެފި އެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 01:00 އާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެ އެވެ.

މި އެލާޓްގެ ދަށުން ހިމެނެނީ މެދުރާއްޖެތެރޭގެ 10 އަތޮޅެކެވެ. އެއީ ބ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، ފ. އަތޮޅު، މ. އަތޮޅު، ދ. އަތޮޅު އަދި ތ. އަތޮޅެވެ.

ރީނދޫ އެލާޓަކީ މޫސުމާ ބެހޭ އިދާރާއިން މޫސުމީ ނުރައްކާތައް އަންގައިދިނުމަށް ކަނޑައަޅާފައިވާ ކުލަ ކޯޑުތަކުގެ ތެރެއިން ދެވަނަ ދަރަޖައިގެ އިންޒާރެވެ. މި އިންޒާރަކީ ހުދު އެލާޓް (ވައިޓް އެލާޓް) އަށް ވުރެ އެއް ދަރަޖަ މަތީގެ އިންޒާރެކެވެ.

އިއްޔެއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެފައިވާއިރު، މި ހަފްތާ ބަންދުގައި މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ފާހަގަކުރި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގައި ވަރަށް ކުރު ވަގުތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭވެހެމުންދާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މި ވިއްސާރަ އަންނަ ހަފުތާއަށް ވެސް ދެމިގެންދާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ