އެސޯސިއޭޓެޑް ޕްރެސް އާއި އެންއޯއާރްސީ ސެންޓަ ފޯ ޕަބްލިކް އެފެއާޒް ރިސާޗުން ކުރި އާ ދިރާސާއަކުން ދައްކާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުތަކާ މެދު އެމެރިކާގެ ރައްޔިތުންގެ މެދުގައި އޮތް ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.

ނޮވެމްބަރު 3 ގައި ބާއްވާ ކޮންގްރެސްގެ މިޑްޓާމް އިންތިހާބަށް މަދު ހަފުތާތަކަކަށް ވެފައި ވަނިކޮށް، ބުރާސްފަތި ދުވަހު އާންމުކުރި މި ދިރާސާގައި ބައިވެރިވި 1,100 އަށްވުރެ ގިނަ މީހުންގެ ތެރެއިން 80 އިންސައްތަ މީހުން ބުނެފައިވަނީ، ގައުމު ހިންގާ ގޮތަށް ބޮޑެތި ބަދަލުތަކެއް ނުވަތަ މުޅި ނިޒާމަށް އިންގިލާބީ ބަދަލެއް ބޭނުންވާ ކަމަށެވެ.

މި ދިރާސާއިން ދައްކާ ގޮތުގައި، ޑިމޮކްރެޓުންނާއި ވަކި ފަރާތަކަށް ނުޖެހޭ މީހުން ގައުމުގެ މިސްރާބު މުޅިން ބަދަލުކުރަން ބޭނުންވާ މިންވަރު ރިޕަބްލިކަނުންނަށް ވުރެ އިތުރެވެ. ނަމަވެސް، ރިޕަބްލިކަން ޕާޓީއަށް ތާއީދުކުރާ މީހުންވެސް ކޮންމެވެސް މިންވަރެއްގެ ބަދަލަކަށް އުންމީދު ކުރެ އެވެ. އެގޮތުން، އެ ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 45 އިންސައްތަ މީހުން ބޮޑު ބަދަލަކަށް ބޭނުންވާއިރު، 13 އިންސައްތަ މީހުން ބޭނުންވަނީ މުޅި ނިޒާމު އިސްލާހު ކުރުމަށެވެ.

މި ނަތީޖާތަކުން ދޭހަވަނީ ގާނޫނު ހަދާ މަޖިލީހުގެ ތަރުތީބަށް ބޮޑު ބަދަލެއް ގެނައުމަށް އާންމުން ބޭނުންވެފައިވާ މިންވަރެވެ. މިއީ ކޮންގްރެސްގެ ދެ މަޖިލީހުގެ ކޮންޓްރޯލް ދެމެހެއްޓުމަށް މަސައްކަތްކުރާ ރިޕަބްލިކަން ޕާޓީއަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް އުފުލެމުން ދިއުމާއެކު، އިގްތިސާދީ ހާލަތަކީ ވޯޓުލާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ދިރާސާގައި ބައިވެރިވި 85 އިންސައްތަ މީހުން ބުނި ގޮތުގައި ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ދޭނެ ގޮތެއް ނިންމުމުގައި އިގްތިސާދަކީ އެންމެ މުހިންމު އެއް އަސާސެވެ. ރަޖިސްޓްރީކޮށްފައިވާ ކޮންމެ 10 ވޯޓަރެއްގެ ތެރެއިން 8 މީހަކު، ދިރިއުޅުމުގެ ހަރަދުތައް ކުޑަކުރުމުގައި ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކާ މެދު ހިތްހަމަނުޖެހެ އެވެ. އަދި ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި މީހުން އޭނާގެ އިގްތިސާދީ މަސައްކަތްތަކާ މެދު ނުރުހުން ފާޅުކުރެ އެވެ.

ޖުމްލަ ގޮތެއްގައި ރަޖިސްޓްރީކޮށްފައިވާ ވޯޓަރުންގެ ތެރެއިން ރިޕަބްލިކަން ރައީސާ މެދު ހިތްހަމަޖެހޭނީ އެންމެ ތިންބައިކުޅަ އެއްބައި މީހުންނެވެ. އަދި އޭނާގެ ރައީސްކަމުގެ ދައުރާ މެދު ރުހޭ މިންވަރު ހުރީވެސް އެ މިންވަރުގަ އެވެ. ގިނަ ވޯޓަރުން ބޭނުންވަނީ ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބުމަށެވެ.

އިމިގްރޭޝަނާއި ކުށްކުރުމުގެ މައްސަލަތަކަކީ ވެސް ބައެއް ވޯޓަރުންގެ ކަންބޮޑުވުމެކެވެ. 45 އިންސައްތަ ވޯޓަރުން މިކަންކަން އިސްކަންދޭ ކަންކަމުގެ ގޮތުގައި ފާހަގަކުރިއިރު، މިއީ ބޮޑަށް ރިޕަބްލިކަން ވޯޓަރުންގެ ކަންބޮޑުވުމެކެވެ. އޭގެ ބަދަލުގައި، ޑިމޮކްރެޓިކް ވޯޓަރުން އެންމެ އިސްކަމެއް ދެނީ ސިއްހީ ދާއިރާ އަށެވެ.

ސަގާފީ އަދި ޓެކްނޮލޮޖީގެ މައްސަލަތަކަށް އޮތް ސަމާލުކަން ނިސްބަތުން ކުޑަ އެވެ. އާޓިފިޝަލް އިންޓެލިޖެންސްއަކީ ބޮޑު މައްސަލައެއްގެ ގޮތުގައި 35 އިންސައްތަ މީހުން ދެކެ އެވެ.