ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާ ސަލްމާން ހާންގެ ހަޔާތުގެ މައްޗަށް ބައޮޕިކް ފިލްމެއް ދުވަހަކުވެސް ނުހަދާނެ ކަމަށް އޭނާ ބުނެފި އެވެ.

ކަރަން ޖޯހަރް ހުށަހަޅައިދޭ މަޝްހޫރު ޝޯ "ކޮފީ ވިތު ކަރަން ސީޒަން 9" ގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެ ވާހަކަ ދައްކަމުން ސަލްމާން ވަނީ އޭނާގެ ފިލްމީ ކެރިއަރާއި އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ވާހަކަތަކެއް ދައްކާފަ އެވެ.

މި ޝޯގެ ތެރެއިން "ރެޕިޑް ފަޔާ" ބައިގައި، ސަލްމާންގެ ބައޮޕިކެއް ހަދާނަމަ ޑައިރެކްޓް ކުރަން ބޭނުންވަނީ ކޮން ޑައިރެކްޓަރެއްތޯ ސުވާލުކުރި އެވެ.

މި ސުވާލަށް ޖަވާބުދެމުން ސަލްމާން ބުނީ، އޭނާގެ ހަޔާތުގެ މައްޗަށް ކޮމެޑީ ފިލްމެއް ހަދާނަމަ ޑޭވިޑް ދަވަން ރަނގަޅުވާނެ ކަމަށާއި، ޓްރެޖިކް ލޯބީގެ ވާހަކައެއްނަމަ ސަންޖޭ ލީލާ ބަންސާލީ ކަމަށެވެ.

އެއާއެކު ރީތި ލޯބީގެ ވާހަކަތަކެއްނަމަ ސޫރަޖް ބަރްޖާތިޔާ ކަމަށާއި، އެކްޝަން ލޯބީގެ ވާހަކައެއްނަމަ ކަބީރު ޚާން އެންމެ އެކަށީގެންވާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެ ސުވާލު ނިންމާލަމުން ސަލްމާން ބުނީ، "އެކަމަކު އަހަރެންގެ ހަޔާތުގެ ބައޮޕިކެއް ދުވަހަކުވެސް ނުހަދާނެ. އަހަރެންގެ ހަޔާތުގެ ވާހަކަތައް ދާނީ އަހަންނާއެކު ގަބުރުސްތާނަށް،" ކަމަށެވެ.

މީގެ އިތުރުން، އޭނާގެ ލޯބީގެ ގުޅުންތަކާއި ކައިވެންޏާ ގުޅޭގޮތުން މީހުން ދައްކާ ވާހަކަތަކަށް ވެސް ސަލްމާން ވަނީ ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނީ ލޯބީގެ ގުޅުންތަކުގެ ވާހަކަތައް އާންމުކޮށް ނުދައްކަނީ އެފަދަ ކަންކަން ސިއްރުކޮށް ބެހެއްޓުމަށް ބައްޕަ ސަލީމް ޚާން ދެއްވާފައިވާ ނަސޭހަތުގެ ސަބަބުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ކުދިން ހޯދާނެ ކަމަށާއި، އަމިއްލަ ދިރިއުޅުމުގައި ދިމާވި ކަންކަމާ ގުޅިގެން އެއްވެސް މީހެއް ކުށްވެރި ނުކުރާނެ ކަމަށް ވެސް އޭނާ ހާމަކުރި އެވެ.