އުމުރުން ދުވަސްވާ ވަރަކަށް ސިއްހީ ގޮތުން ދުޅަހެޔޮކޮށް ހުރުމާއި، އެހެން މީހުންނަށް ބަރޯސާނުވެ މިނިވަން ކަމާއެކު ދިރިއުޅެވޭނީ ޒުވާން އުމުރުގައި (ހާއްސަކޮށް އުމުރުން 30ގެ އަހަރުތަކުގައި) ކުރާ ކުދިކުދި ކަންތައްތަކުގެ މައްޗަށެވެ.
ސިއްހީ ދާއިރާގެ މާހިރުން ބުނާ ގޮތުގައި ޒުވާން ދުވަސްވަރު ގެންގުޅޭ ރަނގަޅު އާދަތަކުގެ ސަބަބުން އުމުރުން 70 އަހަރުން މަތި ވުމުން ކުރިމަތިވާ ސިއްހީ ގިނަ މައްސަލަތަކުން ދުރުވެ، ހަށިގަނޑު ވަރުގަދަކޮށް ބެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެ އެވެ.
އުމުރުން 30ގެ އަހަރުތަކުގައި ސަމާލުކަން ދޭންޖެހޭ ބައެއް މުހިއްމު ކަންތައްތައް:
ހަށިގަނޑުގެ ބާރާއި ކާޑިއޯ ފިޓްނަސް މަތީގައި ހިފެހެއްޓުން
އުމުރުން 30ގެ އަހަރުތަކަކީ ހަށިގަނޑުގެ މަސްތަކާއި ހަކަތަ އެންމެ މަތީ ފެންވަރެއްގައި ހުންނަ ދުވަސްވަރެކެވެ. މި ދުވަސްވަރު ކަސްރަތު ކުރުމާއި، ހަށިގަނޑުގެ ތަފާތު މަސްތައް (ހާއްސަކޮށް ފައިގެ މަސްތައް) ވަރުގަދަ ކުރުމަށް މަސައްކަތް ކުރުމަކީ އުމުރުން ދުވަސްވާއިރު ވެއްޓުމުގެ ނުރައްކަލުން ސަލާމަތް ވުމަށް އޮތް އެންމެ ބޮޑު ބާރެވެ.
ގަވާއިދުން ނިދުމުގެ އާދަ ހިފެހެއްޓުން
ނިދާ ގަޑިތައް އެއްގޮތެއްގައި ހިފެހެއްޓުމަކީ ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު ރައްކާތެރިކަމެކެވެ. އުމުރުން ދުވަސްވާއިރު ސިކުނޑި ބަލިކަށިވުމާއި ހަނދާން ނެތޭ ބަލި (ޑެމެންޝިއާ) ފަދަ ކަންކަމުން ސަލާމަތް ވުމަށް ޒުވާން އުމުރުން ފެށިގެން ނިދި ހަމައަކަށް އެޅުވުން މުހިއްމެވެ.
ކާބޯތަކެތީގެ އާދަތައް ރަނގަޅު ކުރުން
ޕްރޮސެސްކޮށްފައި ހުންނަ ކާނާ މަދުކޮށް، ތަރުކާރީއާއި މޭވާ އަދި ގުދުރަތީ ކާނާ ކެއުމުގައި ބޭނުން ކުރުން އިތުރު ކުރާށެވެ. މީގެ އިތުރުން ކެއުމާއި ބުއިމުގައި ވަކި ވަގުތުތަކެއް ހަމަޖެއްސުމާއި، ހަށިގަނޑަށް އަރާމު ކޮށްލަން ފުރުސަތު ދިނުމަކީ ސެލްތައް އާކޮށްދީ ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެހީވެދޭ ކަމެކެވެ.
ދުވާލަކު މަދުވެގެން 15 މިނެޓުގެ ހަލުވި ހިނގާލުމެއް ހިނގުން
ކޮންމެ ދުވަހަކު ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ހަލުވިކޮށް ހިނގާލުން ފަދަ ހަރަކާތްތަކުގައި އުޅުމަކީ ހިތުގެ ސިއްހަތަށް ބޮޑު ކުރިއެރުމެއް ގެނެސްދީ، ސިކުނޑީގެ މަސައްކަތްތައް ރަނގަޅުކޮށްދޭ ކަމެކެވެ.
އުމުރުން 30ގެ އަހަރުތަކުގައި ކުރާ މިފަދަ ކުދިކުދި އަދި ރަނގަޅު ކަންކަމަކީ އުމުރުން 70 އަހަރުތަކުގައި ހަށިގަނޑަށް ލިބޭނެ އެންމެ ބޮޑު ހިމާޔަތާއި ބާރު ކަމަށް ސިއްހީ މާހިރުން ފާހަގަކުރެ އެވެ.
ސެންކްޝަން ތަކެތި ރާއްޖެއިން އެކްސްޕޯޓް ކުރާ މައްސަލަ ބަލަނީ
އިންސާނެއްގެ ހަށިގަނޑަށް އިރުގެ އަލި ބޭނުންވަނީ ކިހާ ވަރަކަށް؟
6 އަހަރަށްފަހު ބިޕާޝާ އަލުން ބޮލީވުޑަށް އަންނަނީ!