ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމަށް އެދުމަށް ހުޅުވާލިތާ އެއް ދުވަސް ތެރޭގައި 497 ފްލެޓަކުން ހުށަހަޅައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިމާރާތްތަކުން ދެ ކުއްޖަކު ވެއްޓުނު ހާދިސާތަކާ ގުޅިގެން، ބެލްކަނިތައް މަރާމާތުކުރަން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ. އެޗްޑީސީން ބުނި ގޮތުގައި، ހުށަހެޅުންތައް އައިސްފައިވާ ތަރުތީބުން ފްލެޓުތަކަށް ޒިޔާރަތްކޮށް ހާލަތު ދެނެގަތުމުގެ އިންސްޕެކްޝަންތައް މިހާރު ވަނީ ފަށާފަ އެވެ.

އެޗްޑީސީން ބުނީ މި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދެނީ އޭޑީއެޗްޑީ އާއި ނަފްސާނީ ބަލިތައް ފަދަ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ ގެތަކަށް ކަމަށެވެ. އަދި އެފަދަ ސީރިއަސް ހާލަތްތަކުގައިވާ ގެތަކުގެ ބެލެނިވެރިން އެދޭނަމަ، އެޗްޑީސީގެ ސީއެސްއާރުގެ ދަށުން ބެލްކަނި އެއްކޮށް ބަންދުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެ ނޫން ގެތަކުގައި ބެލްކަނިތައް 1.4 މީޓަރަށް އުސްކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި އެޗްޑީސީން ބޭނުންކުރަނީ ކުޑަކުއްޖަކަށް ނުވެއްޓެވޭ ވަރަށް ކުޑަކޮށް ހުޅުވޭ ލޮކިން ސިސްޓަމަކާއި، ދަނޑި ނުވަތަ ފަތި ޖަހައިގެން ބަންދުކުރާ ގްރިލިން ސިސްޓަމެކެވެ.

އެޗްޑީސީން ބުނީ މުޅި މަޝްރޫއަށް ހިނގާނެ ޖުމްލަ ހަރަދު އެނގޭނީ އިންސްޕެކްޝަންތައް ނިމި، ބޭނުންވާ ސިސްޓަމްތައް ކަށަވަރުވުމުން ކަމަށެވެ. އަދި އެޗްޑީސީން ވަނީ އަމަލީ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ހޯދައި، މަސައްކަތް ކުރިއަށްގެންދަން ފަށާފަ އެވެ.

އެޗްޑީސީން މި އެހީތެރިކަން ފޯރުކޮށްދޭން ނިންމީ، ހުޅުމާލޭ ސްޓެލްކޯ ފްލެޓެއްގެ ބެލްކަނިން އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކު ވެއްޓި މަރުވި ހިތާމަވެރި ހާދިސާއަށްފަހު އެވެ.