އަލަށް އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން، އުފެއްދި ފަހުން 20 އަހަރުވެފައިވާ އުޅަނދުތައް ދައުލަތަށް ނަގާނީ އުޅަނދުގެ ވެރިފަރާތަށް އަގެއް ދިނުމަށް ފަހު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ދުވަސްވީ އުޅަނދުތައް ބޭނުންކުރުން ހުއްޓުވުމުގައި ސަރުކާރުން އަމަލުކުރާނީ ރައްޔިތުންނަށް މާލީ ގޮތުން ބުރަ ނުވާނެ ފަދަ މެދުމިނުގެ ސިޔާސަތެއްގެ ދަށުން ކަމަށެވެ. އެގޮތުން، ރައްޔިތުންނާ މަޝްވަރާކޮށްގެން، ހާއްސަ އިންތިޒާމެއްގެ ތެރެއިން އެ އުޅަނދަކަށް ދޭންޖެހޭ މިންވަރެއް ކަނޑައެޅުމަށްފަހު ބަދަލު ދެއްވާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި އާ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، އިސްތިސްނާ ކުރެވޭ ހާއްސަ އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އުޅަނދެއް އުފެއްދި ތާރީހުން ފެށިގެން 20 އަހަރަށްވުރެ ގިނަ ދުވަހު ބޭނުމެއް ނުކުރެވޭނެ އެވެ. ނަމަވެސް، މި ބާބު ތަންފީޒުކުރުމުގެ ކުރިން އާންމުންނަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.
މި ގާނޫނުގެ ދަށުން އުޅަނދަށް 20 އަހަރު ވުމާއެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ އެވެ. އަދި އުޅަނދު އަގުކުރާނެ މިންގަނޑުތަކާއި ފައިސާ ދޫކުރާނެ އުސޫލުތައް އެކުލަވައިލައި، މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު އޮތް ހާލަތަށް ބަލާއިރު، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މާލޭގެ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް 30،000 އުޅަނދު މިހާރު ވެސް ދަނީ ދުއްވަމުންނެވެ.
ޑެބިޓް ކާޑު އޭޓީއެމްތަކުން "ކްރޮސް ބޯޑާ" ފީ ނުނަގާނެ
ޑޮލަރު މާރުކުރަންޖެހޭ މައްސަލާގައި މަޓީގައި ހޫނު ބަހުސެއް
