ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި އެވެ.

އެމްއެމްއޭއިން ބުނީ ދިވެހިރާއްޖޭގައި ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާބެހޭ ގާނޫނު އަދި މަނީ ޗޭޖިންގ ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރުފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި މިކަމަކީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު މިފަދަ މުއާމަލާތް ނުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއްވެސް ފަރާތަކުން ބޭރުފައިސާ މާރުކުރުމުގެ މުއާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއެކު ކުރާނަމަ، އެ މުއާމަލާތްކުރެވެނީ ބޭރުފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ކަން ކަށަވަރުކޮށް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެކަންކަން ކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގާނޫނާ ގަވައިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތްކުރި މަނީ ޗޭންޖަރެއްގެ ލައިސަންސް ވެސް އެމްއެމްއޭއިން ދާދި ފަހުން ވަނީ ބާތިލްކޮށްފަ އެވެ.