ނަފްސާނީ ގޮތުން ލިބޭ އަނިޔާތަކާއި ހާސްކަން (ސްޓްރެސް އަދި ޑިޕްރެޝަން)އަކީ ހަމައެކަނި ސިކުނޑިއަށް ނުވަތަ ވިސްނުމަށް އަސަރުކުރާ ކަމެއް ނޫނެވެ.
މިއީ އޭގެ ސަބަބުން އެތެރެ ހަށީގެ ނިޒާމަށް، ހާއްސަކޮށް ބަނޑާއި ހަޖަމުކުރާ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެއް ކަމަށް މަޝްހޫރު ނިއުޓްރިޝަނިސްޓް އަދި ފަންކްޝަނަލް މެޑިސިން ޕްރެކްޓިޝަނަރު މުގްދާ ތަދްރާން ވަނީ ވިދާޅުވެފަ އެވެ.
ސިކުނޑިއާއި ބަނޑާ ދެމެދު ހާއްސަ ގުޅުމެއްވެ އެވެ. މި ދެ ދާއިރާ ގުޅިފައިވަނީ ނާރުތަކާއި، ހޯމޯންތަކާއި، އަދި ބަނޑުގައި ހުންނަ ފައިދާހުރި ޖަރާސީމުތަކުގެ ޒަރީއާއިންނެވެ.
ނަމަވެސް, ދިގުދެމިގެންދާ ނަފްސާނީ ހާސްކަން ނުވަތަ ޕީ.ޓީ.އެސް.ޑީ ފަދަ ކަންކަމާ ކުރިމަތިލާންޖެހުމުން މި ގުޅުން ހަލާކުވެ، މުޅި ނިޒާމަށް ބުރޫއަރަ އެވެ.
ހަށިގަނޑު ރައްކާތެރި މާޙައުލެއްގައި އުޅޭއިރު ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމައަށް ކުރިއަށްދިޔަ ނަމަވެސް، ދާއިމީ ކަންބޮޑުވުމުގެ ތެރޭގައި ހުންނަ އިރު ހަށިގަނޑު ހުންނަނީ ދިފާއުވުމުގެ ހާލަތުގަ އެވެ.
މީގެ ސަބަބުން ބަނޑަށް ލޭ ފޯރުކޮށްދޭ މިންވަރު މަދުވެ، ހަޖަމު ކުރުމަށް ބޭނުންވާ އެސިޑާއި އެންޒައިމްތައް އުފެދުން ދަށްވެ، ބަނޑުހިކުމާއި، ބަނޑުގައި ވައި ހެދުމާއި އަދި ބޭރަށް ހިންގުން ފަދަ މައްސަލަތައް ކުރިމަތިވެ އެވެ.
މީގެ އިތުރުން، މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މައިކްރޯނިއުޓްރިއެންޓް (ވިޓަމިން ބީ12 އަދި ދަގަނޑުގެ ބައި) ނެގުމަށް ހުރަސްއެޅި، މީހާ އަބަދުވެސް ވަރުބަލިވެ، ސިކުނޑިއަށް ވަރުބަލިކަން ގެނުވާ ފަދަ ކަންކަމަށް މަގުފަހިވެ އެވެ.
މިފަދަ މައްސަލަތަކުން އަރައިގަތުމަށްޓަކައި ހަމައެކަނި ބޭސް ބޭނުންކުރުމުގެ ބަދަލުގައި، ނާރުތަކުގެ ނިޒާމު ހަމައަކަށް އެޅުވުމަށް ނޭވާލާ ރަނގަޅު ކަސްރަތު ކުރުމާއި، ސިކުނޑިއަށް ހަމަޖެހުން ގެނުވައިދޭ ކަންކަމުގައި އުޅުމާއި، ރަނގަޅަށް ނިދުން މުހިންމު ކަމަށް ތަބީއީ ފަރުވާގެ މާހިރުން ލަފާދެ އެވެ.