އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައި ހޮލީވުޑްގެ މަޝްހޫރު ގިނަ ތަރިންތަކެއްގެ ތާއީދު ފަލަސްތީނަށް އޮތްކަން ހާމަކޮށްފި އެވެ.
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި މިތަރިން ދަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންނެވެ.
އެގޮތުން ފަލަސްތީންގެ ނަސްލަށް ނިސްބަތްވާ އެމެރިކާގެ މަޝްހޫރު މޮޑެލް ގިގީ ހަދީދް އާއި އޭނާގެ ދައްތަ ބެލާ ހަދީދް އަދި އަލާނާ ހަދީދް ވަނީ އެ މީހުންގެ އިންސްޓަގްރާމްގައި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހުއްޓާލަން ގޮވާލައި ގިނަ ޕޯސްޓްތަކެއް ކޮށްފަ އެވެ.
ގިގީ ހަދީދް އާއްމުކުރި ޕޯސްޓެއްގައި ދުނިޔެއިން ފަލަސްތީންގެ ނަން ފޮހެނުލެވޭނެ ކަމަށް ބުނެފައިވެ އެވެ.
"އަހަރުމެންގެ ކާބަފައިންނާ މެދު ވިސްނާލުމުން ހިތްދަތިވޭ. މިއަދު އަހަރުމެންގެ ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ ހާލަތު ފެނުމުން ލޮލުން ކަރުނަ އާދޭ. އަހަރުމެން ފަލަސްތީނަށް ނިސްބަތްވާތީ ފަޚުރުވެރިވަން،" އެހެން އެއް ޕޯސްޓްގައި ބެލާ ބުންޏެވެ.
ބެލާގެ މި ޕޯސްޓުތަކާއެކު އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބެލާ ފަދަ މަގުބޫލް ޝަހްސިއްޔަތުތައް އިޒްރޭލާ ދެކޮޅަށް ނުކުތުމަކީ ހިތާމަކޮށް، ލަދު ގަންނަން ޖެހޭ ކަމެއް ކަމަށް ބުނެ ޓްވީޓެއް ކުރައްވާފަ އެވެ.
ބެލާގެ ބައްޕަ މުޙައްމަދު ހަދީދަކީ ފަލަސްތީނަށް ނިސްބަތްވާ މީހެއް ނަމަވެސް، އާއިލާއާއެކު އޭނާ އެމެރިކާއަށް ހިޖުރަ ކުރީ 1948 ވަނަ އަހަރު އިޒްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އެމީހުންގެ ގެދޮރުން ބޭރު ކޮށްލުމުންނެވެ.
ހަދީދް އާއިލާގެ އިތުރުން ހޮލީވުޑްގެ އެހެން ގިނަ ތަރިންތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.
އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލިޕާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހޭޝްޓެގް "ސޭވް ޝައިޚްޖައްރާހް" ލިޔެފައިވާ ކުރެހުމެއް ހިއްސާކޮށްފަ އެވެ.
ހަމަ މިއާއެކު ގޭމްސް އޮފް ތްރޯންސްގެ ތަރި ލެނާ ހެޑީ ވެސް ވަނީ މިފަދަ ޝުއޫރުތަކެއް ފާޅުކޮށް އޭނާގެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފަ އެވެ.
އިޒްރޭލާއި ފަލަސްތީނުގެ ކުރިމަތިލުންތައް ވަރުގަދަވުމާއެކު ބައިނަލްވަގްވާމީ މުޖުތަމައުން އަންނަނީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.