ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓަށް އިންތިހާބުވެވަޑައިގެންނެވި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕާސަން އައިމިނަތު ނަމްޒާ އެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ނަމްޒާ ޕީއެންސީގެ ސެނެޓުން އިސްތިއުފާދެއްވާފައި ވަނީ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުގެ ޝަރުތެއް އޭނާގެ ކިބައިން އުނިވުމާ ގުޅިގެންނެވެ.

ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ތިން ޝަރުތެއް ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކަށް ނުވަތަ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ނުވުން ހިމެނެ އެވެ.

ޕީއެންސީގެ ސެނެޓަކީ ސިޔާސީ ޕާޓީއެއްގެ އިސް މަގާމަކަށް ވާތީ، މި އިންތިހާބާއެކު ޕީއެސްއެމްގެ ބޯޑު މެންބަރުކަމުގައި ހުރުމުގެ ގާނޫނީ ޝަރުތު ނަމްޒާގެ ކިބައިން އުނިވި އެވެ.

ނަމްޒާއަކީ ޓެލެވިޒަން މޯލްޑިވްސްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރެޒެންޓަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ވަނީ ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވާފަ އެވެ.