އެޑް ޝީރަންގެ "ލޫޕް ޓުއާ"ގައި ބައިވެރިވެގެން ލިބުނު އެއް މިލިއަން ޑޮލަރު، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައްޔަން ކޮށްފައިވާ ހަ ޖަމިއްޔާއަކަށް ހަދިޔާ ކުރާނެ ކަމަށް އެމެރިކާގެ މަޝްހޫރު ރެޕް ފަންނާނު މެކްލަމޯ އިއުލާނު ކޮށްފި އެވެ.

މެކްލަމޯ މި ނިންމުން ނިންމާފައިވަނީ ފަލަސްތީނަށް ތާއިދުކޮށް އޭނާ ވާހަކަ ދެއްކުމާ ގުޅިގެން، އޭނާ އެ ޓުއާއިން ވަކިކުރުމާ ގުޅިގެންނެވެ.

ކުރިން ނިއުޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ބޭއްވުނު ކޮންސެޓެއްގައި "ފްރީ ފަލަސްތީން"އަށް ގޮވާލައި ދެއްކި ވާހަކަތަކަކާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، އެޑް ޝީރަންގެ ޓުއާއިން މެކްލަމޯ ވަނީ ބޭރު ކޮށްލާފަ އެވެ.

މެކްލަމޯ ތުހުމަތުކުރާ ގޮތުގައި އޭނާ ބޭރު ކޮށްލުމުގައި ނިއު އިންގްލެންޑް ޕެޓްރިއަޓްސްގެ ވެރިފަރާތް ކަމަށްވާ ބިލިއަނަރު ރޮބަޓް ކްރާފްޓްގެ ބޮޑު ދައުރެއްވެ އެވެ.

މި ކަމާ ގުޅިގެން މެކްލަމޯ ބުނީ، މި ދަނޑިވަޅުގައި އޭނާގެ ސަމާލުކަން ހުއްޓޭނީ އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ކަމަށާއި، މި ޓުއާއިން އޭނާއަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ފަލަސްތީނުގެ އެހީދޭ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ ކަމަށެވެ.

ހަމައެއާއެކު، ރޮބަޓް ކްރާފްޓްވެސް އޭނާއާ އެއްވަރަށް އެ އަދަދަށް ފައިސާ ހަދިޔާ ކުރުމަށް މެކްލަމޯ ވަނީ ގޮންޖަހާފަ އެވެ.

މިކަމާ ގުޅިގެން ރޮބަޓް ކްރާފްޓް ދިން ރައްދުގައި ބުނެފައިވަނީ، މެކްލަމޯ މިފަދައިން ގޮވާލުމުގެ ކުރިންވެސް އެޑް ޝީރަންއާ ބައްދަލުކޮށް ސަރަހައްދުގެ އިންސާނީ ކާރިސާއަށް އެހީވުމަށް ދެ މިލިއަން ޑޮލަރު ހަދިޔާ ކުރުމަށް އެދިފައިވާ ކަމަށެވެ.

މެކްލަމޯގެ މި ފިޔަވަޅާއެކު ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމާއި ހަމްދަރުދީ ފާޅު ކުރުމުގެ މައްސަލަ ހޮލީވުޑާއި މިއުޒިކީ ދާއިރާގައި މިހާރުވަނީ އިތުރަށް ހޫނުވެފަ އެވެ.