އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް އެންމެ ފަހުން ފެޑެރަލް އިންކަމް ޓެކްސް ދައްކާފައިވަނީ 2016 ވަނަ އަހަރު ކަމަށާއި އެއީ ވެސް އެންމެ 750 ޑޮލަރު ކަމަށް ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކޮށްފި އެވެ. 2016 ވަނަ އަހަރަކީ ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގަތް އަހަރެވެ.

މި ރިޕޯޓުގައި އިތުރަށް ވާ ގޮތުން ފާއިތުވެދިޔަ 15 އަހަރުގެ ތެރެއިން 10 އަހަރު ޓްރަމްޕަށް ލިބޭ އާމްދަނީއަށް ވުރެ ގެއްލުން ބޮޑުވުމުން ކަމަށް ބުނެ އިންކަމް ޓެކްސް ދައްކާފައެއް ނުވެ އެވެ.

ޓްރަމްޕް ވަނީ މި ހަބަރު ދޮގު ކުރައްވާފަ އެވެ.

"އެންމެ ފުރަތަމަ ކަމަކަށް އަހަރެން ބައިވަރު ލާރި ދެއްކިން. ބައިވަރު ސްޓޭޓް އިންކަމް ޓެކްސްވެސް ދެއްކިން. މި ހުރިހާ ކަމެއް އަދި ހާމަވެގެން ދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.

ގާނޫނު ބުނާ ގޮތުން އެމެރިކާގެ ރައީސުންގެ މާލީ ބަޔާން ހާމަކުރާކަށް ނުޖެހެ އެވެ. އެހެން ނަމަވެސް ރިޗާޑް ނިކްސަންއިން ފެށިގެން ދެން އައި ހުރިހާ ރައީސުން ވެސް މާލީ ބަޔާން އާންމުކުރައްވާފައިވެ އެވެ.

ޓްރަމްޕް ވަނީ މި ސަގާފަތުން އެއްކިބާވެ ވަޑައިގެންފަ އެވެ.