ހޮލީވުޑްގެ ތާރީޚުގައިވެސް ހިނގާ އެންމެ ބޮޑު އެއް ވިޔަފާރި މުއާމަލާތް ކަމަށްވާ ޕެރަމައުންޓް އިން ވާނާ ބްރަދާސް ޑިސްކަވަރީ ގަނެ، ދެ ކުންފުނި އެއްކޮށްލުމަށް ކުރާ 110 ބިލިއަން ޑޮލަރުގެ މަސައްކަތަށް ގާނޫނީ ބޮޑު ހުރަހެއް ގިރާކޮށް ހުއްދަ ލިބުމާ ގާތަށް ޖެހިލައިފި އެވެ.
މި މުއާމަލާތާ ގުޅިގެން އެމެރިކާގެ ކެލިފޯނިއާ އާއި ނިއުޔޯކް ހިމެނޭހެން 12 ސްޓޭޓަކުން އުފެއްދި ގާނޫނީ ގޮންޖެހުންތަކާ މެދު ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.
މީޑިއާއާއި އެންޓަޓޭންމަންޓް ދާއިރާގެ މޮނޯޕޮލީ ނުވަތަ ބާރުތައް އެއް ކުންފުންޏަކަށް ޖަމާވުމާ މެދު އުފެދުނު ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައި ޕެރަމައުންޓުން ވަނީ ހާއްސަ ޝަރުތުތަކަކަށް އެއްބަސްވެފަ އެވެ.
އޭގެ ތެރޭގައި، އެއް ކުންފުންޏެއްގެ ދަށަށް އަންނަ ދެ ނިއުސް ނެޓްވޯކް ކަމަށްވާ ސީއެންއެންއާއި ސީބީއެސް ނިއުސްގެ ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމަށްޓަކައި މިނިވަން "ޖާނަލިޒަމް ބޯޑެއް" އެކުލަވާލުން ހިމެނެ އެވެ.
މީގެ އިތުރުން، ސިނަމާތަކަށް ދޭ ސަމާލުކަން ކުޑަވިޔަ ނުދިނުމުގެ ގޮތުން އަހަރަކު މަދުވެގެން 30 ފިލްމު ސިނަމާތަކުގައި ރިލީޒް ކުރުމަށާއި، ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފިލްމު އުފެއްދުމަށް އިތުރު 1.5 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށްވެސް ޕެރަމައުންޓުން ވަނީ އެއްބަސްވެފަ އެވެ.
މި ދެ ކުންފުނި އެއްކޮށްލުމުން، ހޮލީވުޑްގެ ތާރީހީ ދެ ފިލްމު ސްޓޫޑިއޯ ކަމަށްވާ ޕެރަމައުންޓް ޕިކްޗާސް އާއި ވާނާ ބްރަދާސްގެ އިތުރުން އެޗްބީއޯ، ޑިސްކަވަރީ، ކޮމެޑީ ސެންޓްރަލް، އެމްޓީވީ އަދި ސްޓްރީމިންގް ޚިދުމަތްތައް ކަމަށްވާ ޕެރަމައުންޓް ޕްލަސްއާއި އެޗްބީއޯ މެކްސް އެއް ކުޑަޔެއްގެ ދަށަށް އަންނާނެ އެވެ. މީގެ މަގުސަދަކީ ނެޓްފްލިކްސް، ޑިޒްނީ، އެމަޒޯން އަދި އެޕަލް ފަދަ ޓެކްނޮލޮޖީ އަދި މީޑިއާ ކުންފުނިތަކާ ވާދަ ކުރުމެވެ.
މި އެއްބަސްވުމާއެކު، ޕެރަމައުންޓްގެ ސީއީއޯ އަދި ސްކައިޑާންސްގެ ވެރިޔާ ޑޭވިޑް އެލިސަން ވެގެންދާނީ ދުނިޔޭގެ މީޑިއާ ދާއިރާގައި އެންމެ ނުފޫޒުގަދަ އެއް ޝަހްސިއްޔަތަށެވެ.
މި މުއާމަލާތް ކޯޓުން ބޭރުން ނިންމާލެވުމަކީ ޕެރަމައުންޓަށް ލިބުނު ބޮޑު މާލީ ސަލާމަތެކެވެ. މައްސަލަ ދިގުލައިގެން ދިޔަނަމަ، އޮކްޓޯބަރު 1 އިން ފެށިގެން ދުވާލަކު 7 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް (ކޮންމެ ކުއާޓަރަކަށް ގާތްގަނޑަކަށް 650 މިލިއަން ޑޮލަރު) އެ ކުންފުނިން ދައްކަން ޖެހުނީހެވެ. ޑީލް ކެންސަލްވި ނަމަ 7 ބިލިއަން ޑޮލަރުގެ ބޮޑު ފީއެއް ދައްކަން ޖެހުނީހެވެ.
އެކަނި ހުއްޓާ ހާޓް އެޓޭކެއް ޖެހޭހެން ހީވާނަމަ ހަދަންވީ ކިހިނެއް؟
ޑީޕޯޓްކޮށްލި ބިދޭސީއަކު ދައުވާކުރުމުން ފިޔަވަޅުތައް އުވާލައިފި
ޑަބްލިޔުޑީއޭގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް