މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލިމަޑުކަން އިތުރުވަމުންދާތީ، އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު އަނެއްކާ ވެސް އިލްތިމާސްކޮށްފި އެވެ. މިއީ މި މަހުގެ ތެރޭގައި މި ބައްޔާ ގުޅިގެން ރައްކާތެރިވުމަށް އެ އެޖެންސީން އާންމުކޮށް އަންގައި އިއުލާނުކުރި ދެވަނަ ފަހަރެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިންނާއި ފާހާނާ ބޭނުންކުރުމަށްފަހު ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. އަދި ބަލިޖެހިފައިވާ މީހުން ބޭނުންކުރާ ފާހާނާ ފަދަ ތަންތަން ރަނގަޅަށް ސާފުކޮށް ޑިސްއިންފެކްޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.
ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާތަކަށް އަލިއަޅުވާލަމުން އެޗްޕީއޭއިން ބުނީ، ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަށްޓަކައި ލޮނުޕެކެޓާއި، ސޫޕް އަދި ސާފު ފެން ފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން، ބަލި އެހެން މީހުންނަށް ފެތުރުނަ ނުދިނުމުގެ ގޮތުން، ބަލީގެ އަލާމާތްތައް ކެނޑޭތާ މަދުވެގެން އެއް ދުވަސް ވަންދެން ކުޑަކުދިން ސްކޫލަށް ނުފޮނުވުމަށާއި، ބޮޑެތި މީހުން ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ވެސް އެ އެޖެންސީން ވަނީ އިރުޝާދު ދީފަ އެވެ.
ގޭގައި ފަރުވާދިން ނަމަވެސް ބައެއް ހާލަތްތަކުގައި ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ޖެހެ އެވެ. އެގޮތުން، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، މާ ބޮޑަށް ވަރުދެރަވުމާއި، ބޮލަށް އެނބުރުން އެރުން އަދި ގިނަގިނައިން ހޮޑުލެވި ދިޔާތަކެތި ނުހިފެއްޓޭ ހާލަތްތަކުގައި ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.
ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ނުވިއްކަން: ޒަރީރު
ޣައްޒާގެ ހުރިހާ ރައްޔިތުން ބޭރުކޮށްލާނެކަމުގެ އިންޒާރު ދީފި
އެމެރިކާގެ ޓީވީ ނެޓްވޯކްތައް ޓްރަމްޕްގެ ހަބަރުތައް ބޮއިކޮޓްކޮށްފި