ފީނަން ގޮސް އުޅުނު ރ. ދުވާފަރަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގޭ، މުހައްމަދު ޝައްފާނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ފީނަން ގޮސް އުޅުނު ޒުވާނަކު ނިޔާވެގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 15:15 ހާއިރު އެވެ. އަދި އެ ޒުވާނާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ދުވާފަރު ކައުންސިލުގެ ރައީސް އަހްމަދު ޝާހު މައުލޫމާތު ދެއްވި ގޮތުގައި، އެ ޒުވާނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ ށ. މަރޮށި ކައިރިންނެވެ. އަދި ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސީޓީ ސްކޭނާއި ފޮރެންސިކް ތަހުލީލުތައް ހެދުމަށްޓަކައި އެ ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ އުނގޫފާރު ހޮސްޕިޓަލުގައި ބާއްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ، ތަހުގީގުގެ މަސައްކަތްތަކަށްފަހު ހަށިގަނޑު ދުވާފަރަށް ގެންދިއުމުގެ ހުއްދައަށް އެދި ފުލުހުންގެ ފަރާތުން ކައުންސިލަށް ގުޅާފައިވާ ކަމަށެވެ.