އިންޑިއާގެ މަގުބޫލު ޓީވީ އެކްޓްރެސް ދީޕިކާ ކައްކަރު އޭނާގެ ފިރިމީހާ ޝުއައިބް އިބްރާހިމްއާއެކު މިއުޒިކް ވީޑިއޯއަކުން އެނބުރި ފިލްމީ ދާއިރާއަށް އަންނަން ތައްޔާރު ވެއްޖެ އެވެ.
ނަމަވެސް، މިހާރު ކުރިއަށްދާ އޭނާގެ ބޭސްފަރުވާގެ ސަބަބުން ޑެއިލީ ސީރީޒް (ޑެއިލީ ސޯޕް) ތަކުން ފެނިގެންދިއުމަކީ ނާދިރު ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޭނާގެ ޔޫޓިއުބް ވްލޮގްގައި މިކަން ހާމަ ކުރަމުން ދީޕިކާ ބުނީ، މިހާރު އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން ކޮންމެ ދުވަހަކު ގިނަ ވަގުތުތަކެއް ވަންދެން ޝޫޓިންގައި އުޅެންޖެހޭ ޑެއިލީ ސީރީޒްތަކުގައި މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިފަދަ ބޭސްފަރުވާއެއް ކުރިއަށްދާއިރު އަހަރެން ކާސްޓް ކުރާނީވެސް ކާކު؟ މިއީ ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް،" ދީޕިކާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ބޭސްފަރުވާގެ ސަބަބުން ތަފާތު ސައިޑް އިފެކްޓްތައް ކުރިމަތިވާތީ، ގިނަ ދުވަހުގެ މަސައްކަތްތަކަށް ވަގުތު ދިނުން އުނދަގުލެވެ. ނަމަވެސް އެއް ދުވަހުން ނުވަތަ ދެ ދުވަހުން ނިންމާލެވޭ މިއުޒިކް ވީޑިއޯއެއްގެ ޝޫޓިންގް މެނޭޖް ކޮށްލެވޭނެ ކަމަށް އޭނާ ބުންޏެވެ.
މި މިއުޒިކް ވީޑިއޯގެ ނެށުމުގެ ރިހާސަލްތަކަށް ދިޔަ ދުވަސްވަރުގެ ތަޖުރިބާ ހިއްސާ ކުރަމުން ދީޕިކާ ބުނީ، ކޮންމެ 10 މިނެޓަކުން ބްރޭކެއް ނަގަން ޖެހުނު ކަމަށާއި، އޭގެ ސަބަބުން އޭނާގެ ހަށިގަނޑު ކިހާ ވަރަކަށް ބަލިކަށި ވެފައިވާކަން އިހުސާސްވި ކަމަށެވެ.އެއާއެކު އެނބުރި ކެމެރާގެ ކުރިމައްޗަށް އާދެވޭތީ ޖެހިލުންވި ނަމަވެސް އޭނާ ހުރީ ވަރަށް އުފަލުން ކަމަށް ފާހަގަކުރި އެވެ.
2025 ވަނަ އަހަރު ފުރަމޭގެ ކެންސަރުގެ ސްޓޭޖް 2 ޖެހިގެން ފަރުވާ ހޯދަން ފެށި ދީޕިކާގެ ފުރަމޭއިން ވަނީ އޮޕަރޭޝަން ކޮށްގެން ޓިއުމަރެއް ނަގާފަ އެވެ. އޭގެ ފަހުން އިތުރު ސިސްޓްތަކެއް ފެނުމާ ގުޅިގެން މިހާރު އޭނާ އަންނަނީ އިމިއުނޯތެރަޕީގެ ފަރުވާ ހޯދަމުންނެވެ.
އޮސްކާގެ ސަޕޯޓިން އެކްޓަރުގެ އެވޯޑަށް އޭން ކެމްޕެއިން ކުރަނީ!
އަންހެނުންގެ ދިރިއުޅުމުގެ ވައްޓަފާޅިން ހޯމޯންތަކަށް އަސަރު ކުރޭ!