މާވަލް ސިނަމެޓިކް ޔުނިވާސްގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އެވެންޖާސް: އެންޑްގޭމް" އާ މަންޒަރުތަކާއެކު "އެވެންޖާސް: އެންޑްގޭމް: އެންކޯ"ގެ ނަމުގައި އަލުން ސިނަމާތަކުގައި ދެއްކުމަށް ތައްޔާރު ވެފައިވަނިކޮށް، އޭގެ ބައެއް މަންޒަރުތައް އިންޓަނެޓްގައި ލީކުވެއްޖެ އެވެ.

މި ލީކުވި މަންޒަރުތަކުން، ކުރިއަށް އޮތް މާވަލްގެ ބޮޑު ފިލްމު "އެވެންޖަރސް: ޑޫމްސްޑޭ"އާ ހުރި ބޮޑެތި ގުޅުންތަކެއް ވަނީ ހާމަވެފަ އެވެ.

ސެޕްޓެމްބަރު 25 ގައި މި ފިލްމު އަލުން ސިނަމާތަކަށް ނެރުމުގެ ކުރިން، ލީކުވި ކްލިޕްތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު، ފިލްމުގެ ޑައިރެކްޓަރުން ކަމަށްވާ ރުއްސޯ ބްރަދާސް (އެންތަނީ އަދި ޖޯ ރުއްސޯ) ވަނީ ސަޕޯޓަރުންގެ ކިބައިން ހާއްސަ އެ މަންޒަރުތައް ދައުރު ނުކުރުމަށް އެދިފަ އެވެ.

"އަހަރެމެންގެ ފަހު އެދުމެއް އެބައޮތް. "އެވެންޖާސް އެންޑްގޭމް: އެންކޯ"ގައި އާ ސަޕްރައިޒްތަކެއް އެބަހުރި. އާދޭސް ކޮށްފައި ބުނަން، އެހެން މީހުންނަށް އެ މަންޒަރުތައް 'ސްޕޮއިލް' ނުކުރައްވާ. ތިޔަބޭފުޅުންނަށް އެ ސަޕްރައިޒްތައް ފެނުނު ފަދައިން، އެހެން މީހުންނަށްވެސް ސިނަމާގައި އެ އިހުސާސް ކުރަން ފުރުސަތު ދެއްވާ." ރުއްސޯ ބްރަދާސްގެ މެސެޖުގައި ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން "އެންކޯ" އެޑިޝަންގައި 4 މިނެޓުގެ އައު މަންޒަރުތަކެއް ހިމެނެ އެވެ. މި މަންޒަރުތަކުގައި ޑޮކްޓަ ޑޫމް ، ބްރޫސް ބެނާ (ހަލްކް)، ލޮކީ (ލޮކީ)، ސްޓީވް ރޮޖާސް (ކެޕްޓަން އެމެރިކާ)، އަދި ޓީ.ވީ.އޭ (ޓީވީއޭ) ފެނިގެންދެ އެވެ.

  • ޑޮކްޓަ ޑޫމް އަދި ހަލްކް: ބްރޫސް ބެނާ އަަންޑަގްރައުންޑް ފެސިލިޓީއެއްގައި އުޅެނިކޮށް، ޑޮކްޓަ ޑޫމް އައިސް އޭނާ ހޯދަން އައި ކަމަށް ބުނާ މަންޒަރެއް ފެނެ އެވެ.
  • ޓޯނީ ސްޓާކް އަދި ޑޮކްޓަރ ޑޫމްގެ ގުޅުން: އެންޑްގޭމްގެ ކްރެޑިޓްސްގައި އިވޭ ދަގަނޑު ތަޅާ އަޑާއެކު، ޑޮކްޓަ ޑޫމް އޭނާގެ މާސްކު ތައްޔާރުކުރާ މަންޒަރު ފެނެ އެވެ. (ރޮބާޓް ޑައުނީ ޖޫނިއާ، ޑޮކްޓަރ ޑޫމްގެ ރޯލުން އެމްސީޔޫއަށް އެނބުރި އަންނާތީ މިއީ ސަޕޯޓަރުންގެ ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ).
  • ލޮކީ އަދި ކެޕްޓަން އެމެރިކާ: ސްޓީވް ރޮޖާސް އަދި ޕެގީ ކާޓާ ނަށައި ނިންމާލާ ވަގުތު، ޓީވީއޭ ޔުނިފޯމުގައި ހުރި ލޮކީ އައިސް އެމީހުންނަށް އެހީވެވިދާނެ ކަމަށް ބުނެ އެވެ.
  • މަލްޓިވާސްގެ ހަލާކު: ޓީވީއޭގައި މޯބިއަސް އަދި އޯރޯބޯރޯސްއަށް 3،000 އަށްވުރެ ގިނަ ޔުނިވާސްތައް އެކަތި އަނެއްކައްޗާ ޖެހި ހަލާކުވަމުންދާ ތަން ފެނެ އެވެ.

މި އައު މަންޒަރުތަކަކީ މާވަލްގެ އިންފިނިޓީ ސާގާ އާއި މިހާރު ކުރިއަށްދާ މަލްޓިވާސް ސާގާ ގުޅުވައިދޭ ފާލަމެކެވެ. "އެވެންޖާސް: ޑޫމްސްޑޭ" ސިނަމާތަކަށް ނުކުތުމަށް ހަމަޖެހިފައިވަނީ 2026 ޑިސެމްބަރު 18ގަ އެވެ.