ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި ކަމަށް ބެލެވޭ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ފެތުރުނު މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ރަސްމީކޮށް ތަހުގީގުކުރަން ފަށައިފި އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯގައި ފެންނަނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށްވާތީ، އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި، ރާއްޖޭގެ ރިސޯޓެއްގެ ގޮނޑުދޮށުގައި ދެ ފިރިހެނަކު އަތުގުޅައިގެން ތިބެ، ކައިވެނީގެ ހާއްސަ ހެދުމުގައި ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވާ މަންޒަރު ފެނެ އެވެ. މި މަންޒަރުތައް އާންމުވުމާ އެކު، މިއީ އިސްލާމީ މުޖުތަމައެއްގައި އެއްގޮތަކަށް ވެސް ޖާގަދެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެ، ގިނަ އަދަދެއްގެ ދިވެހިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކޮށްފަ އެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމަށްވާއިރު، އިސްލާމީ ޝަރީއަތާއި، ގައުމުގެ ގާނޫނުތަކާއި، ދިވެހި މުޖުތަމައުގެ އަހުލާގީ މިންގަނޑުތަކާ ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުން ވެސް މިފަދަ ޣައިރު ގާނޫނީ ކަންކަމަށް ފުރުސަތު ނުދިނުމަށް ފުލުހުން ވަނީ އަންގާފަ އެވެ.
ހަމައެއާއެކު، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފަށް މިފަދަ ނާތަހުޒީބު އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފަ އެވެ.
ހެގްސެތު އާއި ރޫބިއޯ މަގާމުން ވަކިވާ ވާހަކަ ދޮގުކޮށްފި
ރާއްޖޭގައި އެއްޖިންސުން ކައިވެނިކުރި ވީޑިއޯއަށް ފާޑުކިޔުން