އިންސާނުންގެ އާންމު ދިރިއުޅުމުގައި ގުޅުންތައް ދެމެހެއްޓުމަށާއި ތަފާތު އެކި ސަބަބުތަކަށްޓަކައި ކުދި އަދި ބޮޑެތި ދޮގުތައް ހެދުމަކީ ފެންނަމުންދާ ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ މީހުން ކޮންމެވެސް މިންވަރަކަށް ދޮގުހަދާއިރު، އެއީ އެހެން މީހުންގެ ހިތުގައި ޖެހިދާނެތީ ހަދާ ކުދި ދޮގުތަކުން ފެށިގެން، ބޮޑެތި ސިއްރުތައް ފޮރުވުމަށް ހަދާ ދޮގުތަކެވެ. ތިމާ ލޯބިވާ ނުވަތަ ގާތް މީހަކު ދޮގެއް ހަދައިފިނަމަ، އެކަމުގެ ޝައްކުގައި ހަމަޖެހިގެން ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

މީހުން ދޮގުހަދާ މައިގަނޑު ސަބަބުތައް

ދިރާސާވެރިން ދޮގުހެދުމުގެ އަމަލު މައިގަނޑު ދެ ބަޔަކަށް ބަހާލަ އެވެ. ފުރަތަމަ ބަޔަކީ ގުޅުމެއް ރައްކާތެރިކުރުމަށާއި އެހެން މީހެއްގެ ހިތުގައި ޖެއްސުމުން ސަލާމަތްވުމަށް ހަދާ އެހެން މީހުންނަށް އަމާޒުކުރެވޭ ދޮގެވެ. މިސާލަކަށް، ހަދިޔާއެއް ކަމުނުދިޔަ ނަމަވެސް ރަނގަޅު ކަމަށް ބުނުމެވެ.

ދެވަނަ ބަޔަކީ އަމިއްލަ ނަފްސަށް އަމާޒުކުރެވޭ ދޮގެވެ. މިއީ އަމިއްލަ ފައިދާއަށް ކަމެއް އަނބުރާލުމަށް ނުވަތަ ކުރެވުނު ގޯސް ކަމެއް ފޮރުވަން ހަދާ ދޮގުތަކެވެ. މިފަދަ ދޮގުތަކުގެ ސަބަބުން ގުޅުންތައް ހީނަރުވެގެންދެ އެވެ. މީގެ އިތުރުން، ދުވާލަކު ފަސް ފަހަރަށްވުރެ ގިނައިން ދޮގުހެދުން ފަދަ އާދަވެގެން ނުވަތަ ބައްޔެއްގެ ގޮތުގައި ދޮގުހެދުން ވެސް ހިމެނެ އެވެ. މިއީ ގިނަ ފަހަރަށް ނަފްސާނީ މައްސަލަތަކާ ގުޅިފައިވާ ކަމެކެވެ.

ދޮގުހެދުމުން އަމަލުކުރާނެ 11 ގޮތް

މީހަކު ތިމާއަށް ދޮގެއް ހަދައިފިކަން އެނގުމުން ދެރަވެ، އިތުބާރު ގެއްލޭގޮތް ވެއެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ވިސްނުންތެރިކަމާއެކު އަމަލުކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެނީ ތިރީގައިވާ 11 ގޮތަށެވެ:

  • ދޮގުހެދި މީހާއާ މެދު ވިސްނާލުން: އެ މީހަކު ދޮގުހެދީ ގަސްދުގައި ގެއްލުމެއް ދޭންތޯ ބެލުމުގެ ކުރިން، އެއީ ތިމާއާ ކޮން ކަހަލަ ގުޅުމެއް އޮތް މީހެއްތޯ ބަލައި ތަފާތު ދެނެގަތުން.
  • އަމިއްލަ ނަފްސަށް ބަލައިލުން: ހަގީގަތް އެނގުމުން ތިމާ މާބޮޑަށް ރުޅިއަންނަ ނަމަ، މީހުން ހަގީގަތް ފޮރުވަން މަސައްކަތްކޮށްފާނެކަން ގަބޫލުކުރުން.
  • ހެކި ހޯދުން: ހަގީގަތް އޮޅުވާލައި ތިމާގެ ވިސްނުމާ މެދު ޝައްކު އުފެއްދުމަށް ފުރުސަތު ނުދީ، ކަންކަން ނޯޓުކޮށް ހެކި އެއްކުރުން.
  • ކުރިމަތިލުމުގެ ކުރިން ރޭވުންތެރިވުން: މީހަކާ ސުވާލުކުރުމުގެ ކުރިން، ޖަޒުބާތުގައި ނުޖެހި ބުނާނެ ވާހަކަތައް ދުރާލާ ތައްޔާރުކުރުން.
  • އޯގާތެރިކަން އިސްކުރުން: އަނެކާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމާއި، އޮޅުމަކުން ވީ ކަމެއްތޯ ބެލުން.
  • ހަމަޖެހިގެން ހުރުން: ކިތަންމެ ބޮޑު ދޮގެއް ނަމަވެސް، މަޑުމައިތިރިކަމާއެކު ވާހަކަދެއްކުން.
  • އިންތައް ކަނޑައެޅުން: އިތުބާރު ގެއްލިފައިވާ ގުޅުމެއްގައި، އިންތަކަށް އިހުތިރާމް ނުކޮށްފި ނަމަ ވާނެ ގޮތް ސާފުކޮށް ބުނެދިނުން.
  • ހަމަޖެހެން ވަގުތު ހޯދުން: ލިބުނު ޝޮކުން އަރައިގަނެ، އިހުސާސްތައް ދެނެގަތުމަށް ވަގުތު ނެގުން.
  • ތެރަޕިސްޓެއްގެ އެހީތެރިކަން ހޯދުން: ގުޅުމަށް ބޮޑެތި ބުރޫއަރާފައިވާ ނަމަ، ޕްރޮފެޝަނަލް އެހީތެރިކަން ހޯދައިގެން ވާހަކަދެއްކުން.
  • އިތުބާރު އާކުރަން ފުރުސަތު ދިނުން: އަނެކާ ކުށް ގަބޫލުކޮށް ރަނގަޅުވާން އުޅޭނަމަ ފުރުސަތު ދިނުން، ނޫންނަމަ އެފަދަ މީހުންނާ ދުރުވުން.
  • ހަގީގަތާ އެއްގޮތަށް އުއްމީދުތައް ބެހެއްޓުން: ތަކުރާރުކޮށް ދޮގުހަދާ މީހުންގެ ކިބައިން އުއްމީދު ކުރެވޭނެ މިންވަރު ދެނެގަނެ، މުސްތަގުބަލުގެ ހިތާމަތަކުން ރައްކާތެރިވުން.

ދޮގުހެދުމަކީ އިންސާނީ މުޖުތަމައުތަކުގައި ފެންނަ ނޭދެވޭ ކަމަކަށް ވިޔަސް، އެފަދަ ހާލަތްތަކުގައި ކަންކަން ހައްލުކުރުމަށްޓަކައި ކެތްތެރިކަމާއި، އޯގާތެރިކަމުގެ އިތުރުން ސާފު އިންތަކެއް ކަނޑައެޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި ގުޅުންތަކުގެ ސަލާމަތަށް ނުހަނު ބޭނުންތެރި ކަމެކެވެ.