ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ހުށަހެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންކާރު ކުރެއްވުމާ ގުޅިގެން، އެމެރިކާ އާއި އިޒްރޭލާއެކު އުފެދިފައިވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ ސިޔާސީ މަޝްވަރާ ނުވަތަ ޑިޕްލޮމަސީ ކަމަށް އީރާނުން އާދީއްތަ ދުވަހު ބުނެފި އެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ސޯޝަލްމީޑިއާގައި ވިދާޅުވެފައިވަނީ، އީރާނުގެ ޝަރުތުތައް ވަރަށް ސާފު ކަމަށާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނީ އެ ޝަރުތުތައް ފުރިހަމަވުމުން ކަމަށެވެ. އަދި މިހާރު އުފެދިފައިވާ ނުތަނަވަސްކަމުން އަރައިގަނެވޭނީ ހަމައެކަނި މަޝްވަރާގެ އުސޫލުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އީރާނުން ސުލްހައިގެ ހުށަހެޅުމެއް އިއުލާނުކުރީ މި ހަފުތާގެ ކުރީކޮޅު ނިއުޔޯކުގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގަ އެވެ. ގަތަރުގެ މެދުވެރިކަމާއެކު އެމެރިކާއަށް ފޮނުވި މި ހުށަހެޅުމަށް އިންކާރު ކުރައްވަމުން ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވަނީ އެ ގައުމު މިހާރު އޮތް ނިކަމެތި ހާލަތުގެ ސަބަބުން ކަމަށެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، ހޮރްމޫޒް ކަނޑުއޮޅި ވަގުތުން ހުޅުވާލުމަށް އެ ގައުމުން ބޭނުންވާ ކަމަށެވެ.

ނަމަވެސް، އަރާގްޗީ ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ބަޔާންތަކާ ގުޅިގެން މެދުވެރިންގެ ފަރާތުން ރަސްމީކޮށް އެއްވެސް ޖަވާބެއް އަދި ލިބިފައެއް ނުވެ އެވެ. އޭނާ ވިދާޅުވީ އީރާނުން އިންތިޒާރު ކުރަމުންދަނީ މެދުވެރިން މެދުވެރިކޮށް ލިބޭ ރަސްމީ ނިންމުމަކަށް ކަމަށާއި، އީރާނުން ފިޔަވަޅު އަޅާނީ އެ ނިންމުމަށް ބިނާކޮށް ކަމަށެވެ.

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދޭ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، އެ ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ އެމެރިކާގެ އަތްދަށުގައި ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަ އެވެ.

"ވޯލް ސްޓްރީޓް ޖާނަލް" އިން އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ ހުށަހެޅުމާ މެދު ޓްރަމްޕް ޝައްކު އުފައްދަވަ އެވެ. އަދި ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ އިންތިހާބަށްފަހު، އީރާނަށް އަލުން ބޮން އެޅުމުގެ ކެމްޕޭނެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށް ޓްރަމްޕް އޭނާގެ މުވައްޒަފުން ގާތު ވިދާޅުވެފައިވާ ކަމަށް އެ ނޫހުގައިވެ އެވެ. ނަމަވެސް އެމެރިކާގެ އެހެން އޮފިޝަލަކު ވިދާޅުވީ މެދުވެރިން މެދުވެރިކޮށް ކުރެވޭ މަޝްވަރާތަކަކީ "އުންމީދީ" މަޝްވަރާތަކެއް ކަމަށެވެ.

ކަނޑުގެ ދަތުރުފަތުރަށާއި ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު

ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނުން ވަނީ ސައުދީ އަރަބިއްޔާއާ އެކު ވެސް މަޝްވަރާކޮށްފަ އެވެ. ހަތް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމަށާއި ދުނިޔޭގެ އިގްތިސާދަށް ވަނީ ނުރައްކާވެފަ އެވެ. އަރާގްޗީ ވިދާޅުވި ގޮތުގައި އީރާނުގެ ހުށަހެޅުމުގައިވަނީ ހަތް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަނޑުއޮޅި ހުޅުވާލުމަށާއި، ސަރަހައްދީ ހަނގުރާމަ މެދުކަނޑާލުމަށެވެ. އެމެރިކާއިން އެއްބަސްވާ ނަމަ، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހިމެނޭހެން އެހެނިހެން މުހިންމު ކަންކަމާ މެދު ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، ޔުރޭނިއަމް މުއްސަނދިކުރުން ފަދަ އީރާނުގެ ހައްގުތަކުގެ މައްސަލައިގައި އެއްވެސް ދޫދިނުމެއް ނޯންނާނެ ކަމަށެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން "ފޭސް ދަ ނޭޝަން" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މަޝްވަރާއަށް އީރާނު ތައްޔާރަށް އޮތް ނަމަވެސް، ބިރުދެއްކުމާއި މަޖުބޫރުކުރުން ގަބޫލުނުކުރާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނުން ހަނގުރާމައަކަށް ނޭދޭ ކަމަށާއި، އެހެންނަމަވެސް ކުރިމަތިވާ ކޮންމެ ހަމަލާއަކުން ދިފާއުވާނެ ކަމަށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާއެކު ފެށުނު މި ހަނގުރާމަ ހުއްޓުވުމަށް މީގެ ކުރިން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފަ އެވެ.