ރާއްޖޭގެ ކަނޑުގެ 50 ފޫޓު އަޑީގައި ހިނގި މި ހަމަނުޖެހުމުގައި، އެހެން ފީނުންތެރިއަކު އޭނާގެ މޫނުމަތީގައި އޮތް މާސްކު ނައްޓާލަން މަސައްކަތްކޮށްފައިވާ ކަމަށް ޑައިވިން އިންސްޓްރަކްޓަރަކު ބުނެފި އެވެ.
ޝިއާއޯ ޑޫ ނަމަކަށް ކިޔާ މި މީހާ ބުނި ގޮތުގައި، އޮކްޓޯބަރު 28 ވަނަ ދުވަހު އޭނާ ކުޑަރަހަ ތިލައަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި ތިން މީހަކާ ދެމެދު ކުރިމަތިލުމެއް ހިނގި އެވެ.
މި ހާދިސާ ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި، ފަރުމަތީގައި ފީނަން ތިބި ބަޔަކު އަތުން އިޝާރާތްކޮށް، ވަރަށް ބޮޑަށް ޒުވާބުކުރަމުން ދެއެވެ. އޭގެ ފަހުން، ދޯންޏެއްގެ މަތީގައި ހުރެގެން ޝިއާއޯ، އެހެން ދޯންޏެއްގައި ހުރި މީހަކާ ދިމާލަށް "ކަލޭމެން ކަނޑުއަޑީގައި އަހަރެން މަރާލަން އުޅުނީ" ކަމަށް ބުނެ ހަޅޭއްލަވާ މަންޒަރު ވެސް ވީޑިއޯ ކުރެވިފައިވެ އެވެ.
ޗައިނާގެ ނޫހެއް ކަމަށްވާ 'ޔަންގްޒޭ އީވްނިން ނިއުސް' އަށް މައުލޫމާތު ދެމުން ޝިއާއޯ ބުނީ، އެ ތަނުގައި މީހުން ގިނަވެ ތޮއްޖެހިފައިވާކަން އެ މީހުންނަށް އަންގައިދޭން އޭނާ މަސައްކަތް ކުރުމުން، ތިން މީހަކު އޭނާއާ ދިމާލަށް އައީ ކަމަށެވެ.
އޭނާ ބުނި ގޮތުގައި އެތަނުން އެކަކު ތިރިން އަރައިގެން އައިސް އޭނާގެ ގައިގައި ޖެހި، އަތުން ތަފާތު އިޝާރާތްތަކެއް ކުރި އެވެ. އަދި އެ މީހާ އެނބުރި ދާން އުޅުމުގެ ތެރޭގައި އޭނާގެ ފިންސުން ޝިއާއޯގެ ގައިގައި ޖެހުމުން، ޝިއާއޯ އެ ދުރަށް ޖައްސާލި އެވެ.
އެ ވަގުތު ދެވަނަ ފީނުންތެރިއަކު އޭނާގެ އަތުގައި ހިފައި، މޫނުމަތީގައި އޮތް މާސްކާއި އަނގަޔަށް ޖަހާފައިވާ ރެގިއުލޭޓަރު ނައްޓާލަން މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ. މި މަންޒަރު ހަމަނުޖެހުމުގެ ވީޑިއޯއިން ފެންނަން އެބައޮތެވެ.
މި ހަމަނުޖެހުމުގައި ތިންވަނަ މީހަކު ވެސް ބައިވެރިވި ކަމަށް ތުހުމަތު ކުރެވެ އެވެ. ޝިއާއޯ ބުނީ އެމީހުން އެންމެން އޭނާ ވަށާލި ކަމަށެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، އެ ހާލަތުން ސަލާމަތްވުމަށް އޭނާ ބޭނުންކުރީ ޑައިވިންގެ ތަމްރީނުތަކުން ދަސްވެފައިވާ އުކުޅުތަކެވެ. "އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ކެތްތެރިކަން އިސްކުރުން. އެއީ މާ ބޮޑު ސަރަހައްދެއް ނޫން، އަދި ގިނަ ބަޔަކު ތިބުމުން އެތަން އޮތީ ވަރަށް ބޮޑަށް ތޮއްޖެހިފައި،" އޭނާ ބުންޏެވެ.
"ކަލޭމެން އަހަރެންގެ ގާތަށް އައިސް، އަހަރެންގެ ގައިގައި ހިފި. އަހަރެންގެ އަނގަޔަށް ޖަހާފައި އިން އެތި (މައުތުޕީސް) އަތުލަން މަސައްކަތް ކުރި. ތިން މީހުންވެގެން ކަނޑުއަޑީގައި އަހަރެން މަރާލަން އުޅުނީ. އެކަކާ ދެކޮޅަށް ތިން މީހުން ނުކުތުމަކީ ވަރަށް ބޭއަދަބީ ކަމެއް." ކަނޑުމަތީގައި އޮތް ދޯންޏެއްގައި ހުރެގެން ޝިއާއޯ އެހެން ދޯންޏެއްގައި ތިބި ބަޔަކަށް ހަޅޭއްލަވާ މަންޒަރު ފެންނަ ވީޑިއޯގައި އޭނާ ބުނެފައިވެ އެވެ.
ޝިއާއޯ އާއި އޭނާގެ އެކުވެރިން ޑައިވިންއަށް ދިޔަ ކުންފުނި ކަމަށްވާ 'މޯލްޑިވްސް ލެޖެންޑް ފްލީޓް' އިން ބުނީ، މި ހާދިސާގެ ވީޑިއޯ ފެނިފައިވާ ކަމަށާއި އެކަން އެނގިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ހާދިސާ ބަލަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ކަމަށެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ވެސް ބުނެފައިވަނީ މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ބީއެމްއެލްގެ އާ ހެޑް އޮފީސް އަޅައިދޭނެ ބަޔަކު ހޯދަނީ
އެއާޕޯޓް ރަހުނުކޮށް އެމްއޭސީއެލްއިން 56 މިލިއަން ޑޮލަރުގެ ލޯނެއް
ޖޫރިމަނާ ދެއްކުމުން، ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކޮށްފި