ކުރިއަށް އޮތް ފަސް ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

އެ އިދާރާއިން ބުނީ މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ކަމަށެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ފަސް ދުވަހު ވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެ އެވެ.

މެޓް އޮފީހުން ބުނީ މޫސުން ގޯސްވި ނަމަވެސް، މި ދުވަސްތަކުގައި އާންމު ވައި ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ. އެގޮތުން އާންމު ވައި ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އުޅުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ވިއްސާރައިގައި ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އެ އިދާރާއިން ހިއްސާ ކުރަމުންގެންދާނެ ކަމަށް ބުނެ އެވެ.